މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މާލޭ ސިޓީ ކައުންސިލަށް ހަވާލުކުރަން އެ ކައުންސިލުން އެދިއްޖެއެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ ފޮތްތައް ގޭގެއިން ގެނެސް އެ އިދާރާއާ ހަވާލުކުރެވޭނެ އިންތިޒާމް އަހަރަކު ދެ ފަހަރު ހަމަޖެއްސުމަށް ނިންމާފައި ވާކަމަށެވެ.
އެހެންކަމުން ގޭގެއިން ގެންނަ އެފަދަ ތަކެތި މާދަމާއިން ފެށިގެން މި މަހުގެ 28ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރުފަހު 14:00އަށް ފަލަސްތީން ހިނގުމުގައި ބަހައްޓާފައި ހުރި މޭޒަކުން ބަލައިގަންނާނެ ކަމަށް މި އިއުލާނުގައި ވެއެވެ.
ފަލަސްތީނު މަގަކީ ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަން ހުންނަ މަގެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ފުރުޞަތުގެ ބޭނުން ހިފައިގެން، ގޭގޭގައި ހުރި ނައްތާލަން ބޭނުންވެ ނައްތާނުލެވި ހުރި ބާ މުޞްޙަފުތަކާއި ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލުމަށް އެދޭކަމަށެވެ.