ދިހަ މަސްތެރޭ މާލެ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރާނީ "އެއް ފުރާޅެއްގެ" ދަށުން އަމިއްލަ އޮފީހުގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ.
މިއަދު ހެނދުނު ބޭއްވި ހަރަކާތެއްގައި މޭޔަރު ވިދާޅުވީ، މިހާރު މާލެ ސިޓީ ކައުންސިލް ހިނގަމުންދަނީ ނުވަ އިމާރާތެއްގައި ކަމަށެވެ. އަދި އެއްބައި މުވައްޒަފުން މަސައްކަތް ކުރަނީ އަމިއްލަ އެޕާޓުމަންޓުތަކުގައި ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އަލަށް އަޅާ އޮފީހުގެ މަސައްކަތް ނިމުމުން އެ ކައުންސިލުގެ ހުރިހާ މުވައްޒަފުންނަށް އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރެވޭނެ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.
ދިހަ މަސް ތެރޭ މާލެ ސިޓީ ކައުންސިލްގެ 1200 މުވައްޒަފުން މަސައްކުރާނީ މާލެ ސިޓީ ކައުންސިލްގެ އަމިއްލަ އޮފީހުގައި، އަމިއްލަ އިމާރާތުގައި އެއް ފުރާޅުގެ ދަށުގައި. އިރަދާކުރެއްވިއްޔާ ތިބޭފުޅުންނަށް މާލެ ސިޓީގެ ރައްޔިތުންނަށް ފެނިގެންދާނެ ތަފާތު މާލެ ސިޓީ ކައުންސިލެއް.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ ކައުންސިލަކީ ރައްޔިތުން އުފަލުން ޚިދުމަތެއް ހޯދަންދާ ތަނަކަށް ހަދައިދޭނެ ކަމަށާއި އެކުވެރިކަމާ އެކު ރައްޔިތުންގެ ކަންކަން ކައިރިން ބަލައިގެން، ޚިދުމަތް ދޭ ކައުންސިލަކަށް އެ ކައުންސިލް ހެދުމުގެ މަސައްކަތް ކުރާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މީގެކުރިން އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގެ އާ އިމާރާތެއް އެޅުމަކީ މާލޭ ސިޓިގައި ދިރިއުޅޭ 200،000 އަށްވުރެ ގިނަ މީހުންގެ އާބާދީއަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކުރަން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި އިމާރާތުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- ރަނގަޅު މުވާސަލާތީ ނިޒާމެއްގެ ތެރެއިން މެދުނުކެނޑި ޚިދުމަތް ދެވުން
- ހަލުވި އަދި ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދެވުން
- މިހާރު އެ އިދާރާއިން ކުލީގެ ގޮތުގައި ހޭދަކުރާ ފައިސާއާއި ހިންގުމުގެ ޚަރަދު ކުޑަވެގެންދިއުން
- ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ވަރުގަދަ އެއްބައިވަންތަ ޓީމެއް، އެއް ތަނެއްގައި ތިބެގެން މަސައްކަތް ކުރަމުންދިއުން
މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތައިސޭ ކޮށީގައެވެ. ވިހި ހާސް އަކަފޫޓުގެ ބިމެއްގައި އިމާރާތް ކުރާ މި އާ އޮފީސް އިމާރާތުގައި ހުންނާނީ ދެ ފަންގިފިލާ ކަމަށް އެ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ބިމުގައި ހުރި، ސިޓީ ކައުންސިލްގެ ޚިދުމަތްތަކެއް ދޭ އިމާރާތަށް ވެސް އިމާރާތަށް ވެސް ގެއްލުންވިއެވެ. އޭގެ ސަބަބުން އެ ޚިދުމަތްތައް ދިނުން އެއިރު ވަނީ، ހުޅުމާލޭގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިމާރާތަށް ބަދަލުކޮށްފައެވެ.