މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމާ އެކު، އެ އިމާރާތް އެއްކޮށް ނިންމާލެވުމުން މާލޭ ސިޓީގެ އެންމެހައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މައި އޮފީހުގެ ގޮތުގައި ހަދާ އިމާރާތުގެ ބިންގާއަޅައި، މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށެވެ. އޭނާ ވިދާޅުވީ، އެއީ މާލޭ ސިޓިގައި ދިރިއުޅޭ 200،000 އަށްވުރެ ގިނަ މީހުންގެ އާބާދީއަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކުރަން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ވަގުތު މާލެ ސިޓީ ކައުންސިލުން ޚިދުމަތް ފޯރުކޮށްދެނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ނުވަ އިމާރާތަކުން ކަމަށްވުމުން، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ވެސް މޭޔަރު ވަނީ ފާހަގަކޮށްފައެވެ.
މި އިމާރާތުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- ރަނގަޅު މުވާސަލާތީ ނިޒާމެއްގެ ތެރެއިން މެދުނުކެނޑި ޚިދުމަތް ދެވުން
- ހަލުވި އަދި ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދެވުން
- މިހާރު އެ އިދާރާއިން ކުލީގެ ގޮތުގައި ހޭދަކުރާ ފައިސާއާއި ހިންގުމުގެ ޚަރަދު ކުޑަވެގެންދިއުން
- ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ވަރުގަދަ އެއްބައިވަންތަ ޓީމެއް، އެއް ތަނެއްގައި ތިބެގެން މަސައްކަތް ކުރަމުންދިއުން
މި ފަދަ ޢިމާރާތަކީ މާލެ ސިޓީގެ ކުރިއެރުމަށާއި މުސްތަޤުބަލަށް ކޮންމެހެން ބޭނުންވާ ކަމެއްކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.