ޔޫރަޕުގެ ބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނަށް ދީފި

މޯލްޑިވިއަންގެ ބޯޓެއް --

ގައުމީ އެއާލައިން މޯލްޑިވިއަނުން ޔޫރޮޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) ސެޓުފިކެޓު ހޯދައި، ޔޫރަޕްގެ މަތިންދާ ބޯޓު މަރާމާތުކުރުމުގެ ހުއްދަ ހޯދުމާއެކު، ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.

އީއޭއެސްއޭ ޕާޓް 145 ހުއްދައަކީ ޔޫރަޕިއަން ކޮމިޝަން ރެގިއުލޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް މަތިންދާބޯޓުގެ ބައިތައް ފަރުމާކުރުމާއި، އުފެއްދުމާއި، މަރާމާތުކުރުމާއި އަދި ހިންގުމަށް ދެވޭ ކުންފުނީގެ ފެންވަރުގެ ސެޓްފިކެޓެކެވެ.

މި ކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯލްޑިވިއަނަށް މަރުހަބާ ދަންނަވައި އަމީން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މަރާމާތުކުރުމުގެ ދާއިރާގައި މިފަދަ ތާރީޚީ މަރުޙަލާއެއް ހާސިލުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ އެއާލައިންގެ ފެންވަރުމަތިކޮށް، ޒަމާނީ ކުރުމުގެ އެޖެންޑާގެ ދަށުން ހާސިލް ކުރެވުނު މި ކާމިޔާބީއީން ވައިގެ ދަތުރުފަތުރު ވަރުގަދަވެގެންދާނެ ކަމަށެވެ. މި ކަން ވުޖޫދަށް ގެނައުމުގައި ރައީސްގެ ލީޑަޝިޕަށް ޓަކައި ވެސް އަމީން ވެސް ޝުކުރު އަދާކުރައްވައިފައެވެ.

އީއޭއެސްއޭ ޕާޓް 145 ހުއްދައިން އައިލެންޑް އޭވިއޭޝަނަށް ޔޫރަޕުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތަކަށް ސީދާ މަރާމާތުކުރުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، އޭގެ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދަތުރުކުރާ ގިނަ ބައިނަލްއަގުވާމީ އެއާލައިންތަކަށް މަރާމާތުކުރުމުގެ އެހީތެރިކަން ފޯރުކޮށްދޭ، ދިގު މުއްދަތެއް ވަންދެން އިތުބާރުހުރި ފަރާތެއްގެ ގޮތުގައި އައިލެންށް އޭވިއޭޝަން ފާހަގަވެފައިވެއެވެ.

އީއޭއެސްއޭ ސެޓްފިކެޓު ލިބުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުގެ އިންޖިނިއަރިން ޑިޕާޓްމެންޓްމެންޓުގެ ޑިރެކްޓަރު މުހައްމަދު ހަސަން ވިދާޅުވީ، މި ސެޓްފިކެޓުން މުސްތަގުބަލުގައި އެއާލައިންތަކާއި ފަސިންޖަރުން އިތުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ، ކަމަށެވެ.

އަދި މިހާރު އެ ކުންފުންޏާއެކު މަސައްކަތްކުރާ އެއާލައިންތަކަށް ސެޓިފައިޑް ލައިން މެއިންޓެނަންސް ޚިދުމަތްތަކާއި އޮންސައިޓް ސަޕޯޓް ލިބި، އޮޕަރޭޝަންތައް ހިންގުމުގައި ދިމާވެދާނެ މައްސަލަތައް އަވަހަށް ހައްލުކުރެވޭނެކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

މި ހުއްދައިން ދިވެހި މަތިންދާބޯޓު މަރާމާތުކުރާ އިންޖިނޭރުންނާއި، މެކޭނިކުންނާއި އަދި އެހެނިހެން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ޕްރޮފެޝަނަލުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް