ހޯމް މިނިސްޓްރީން ކުރިއަށް ގެންދާ ކުރަނގި އޮޕަރޭޝަންގެ ހަރަކާތެއް މިއަދު ރިސޯޓުތަކުގައި ފަށައިފިއެވެ.
މި ހަރަކާތާ ގުޅިގެން ހޯމް މިނިސްޓްރީން ބުނީ މިއީ، ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަން ނިންމާލަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
މިނިސްޓްރީން ބުނީ، މި ހަރަކާތް ޖުމުލަ 13 ރިސޯޓެއްގައި ކުރިއަށްގެންދާނެ ކަމަށެވެ. މި ހަރަކާތުގައި މިނިސްޓްރީ އާއި ރިސޯޓްތަކުން ޖުމްލަ 56 މުވައްޒަފުން ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ.
އޮޕަރޭޝަން ކުރަނގީގެ ނަމުން ނަން ދީގެން ކުރިއަށްގެންދާ މި ހަރަކާތަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ.
މި މަސައްކަތުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާ ބޭސް އަޕްޑޭޓު ކުރާނެއެވެ.
މި ހަރަކާތް އަތޮޅުތެރޭ ރަށްރަށުގައި ވެސް ކުރިއަށް ގެންގޮސްފައި ވާއިރު، މިހާތަނަށް 25،000އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.
މި އޮޕަރޭޝަނުގެ ބޮޑު ހަރަކާތެއް ދާދި ފަހުން ވެސް މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ކުރިއަށްގެންދިޔައީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެންނެވެ. އަދި ޕްރައިވެޓް ސެކްޓާ ތަކާއި އާންމު ތަންތަނަށް އަމާޒުކޮށް ވެސް މާލޭގައި މި ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސަރުކާރުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ބިދޭސިން ގަވާއިދަށް ފެއްތުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.