ހޮޓެލިއާ އެވޯޑްސްއަށް 450އަށްވުރެ ގިނަ މީހުން ނަން ހުށަހަޅައިފި

ހޮޓެލިއާ މޯލްޑިވްސްއިން، ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބޭއްވި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024 -- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ ޚިދުމަތް ބަލައިގަތުމަށް ދޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025އަށް 450އަށް ވުރެ މީހުންގެ ނަން ހުށަހަޅައިފިއެވެ.

މި އަހަރުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ އެއްވަނަ ދުވަހެވެ. އެ ފުރުސަތު މި މަހު 10އަށް ހަމަވެފައި ވާއިރު، އެ މުއްދަތުގެ ތެރޭގައި 450އަށް ވުރެ ގިނަ މީހުންގެ ހުށަހެޅުން ލިބިފައިވާ ކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ބުންޏެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން މި އެވޯޑް ދޭން ފެށީ މިދިޔަ އަހަރެވެ. އެ ފަހަރު 300އަށް ވުރެ ގިނަ މީހުންގެ ހުށަހެޅުން ލިބުނުއިރު، އާންމުންގެ ވޯޓަށް ހުޅުވާލުމުން 100،00އަށް ވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށް ހޮޓެލިއާއިން ބުނެއެވެ.

މިދިޔަ އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް މި އަހަރު ދޭ އެވޯޑުގައި އަލަށް އިތުރު ހަތަރު ކެޓަގަރީ ހިމަނާފައިވެއެވެ. އެއީ، ވޯޓަސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާ، ޑައިވިން ޕާސަނަލިޓީ އޮފް ދަ އިޔާ، އެއާޕޯޓް ރެޕްރެޒެންޓެޓިވް އޮފް ދަ އިޔާ އަދި ރިސޯޓް މެނޭޖަރު އޮފް ދަ އިޔާ އެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، ހޮޓެލިއާއިން ބުނީ އެ ހުށަހެޅުންތައް ފަނޑިޔާރުންގެ ޕެނަލަކަށް ހުށަހަޅާނެ ކަމަށެވެ. އެ ގޮތުން، އެ މަސައްކަތް މި މަހު 20އިން އަންނަ މަހު 10އާ ހަމައަށް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ. އެއަށްފަހު އާންމުންގެ ވޯޓުލުން އަންނަ މަހު 20އިން އޭޕްރީލް 20ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެވޯޑު ލިބޭ ފަރާތްތައް ހޮވާނީ ފަނޑިޔާރުންގެ މާކްސްގެ 60 ޕަސެންޓާއި ވޯޓުގެ 40 ޕަސެންޓު ހިމެނޭ ގޮތަށެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ބާވަތްތައް އެތެރެކޮށް ވިއްކާ ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓަލް ސްޕޮންސަރު ކަމުގެ ދަށުން ގެނެސްދޭ މި އެވޯޑު ދޭނީ އަންނަ މެއި މަހު ބާއްވާ ހަފުލާއެއްގައެވެ.

ހޮޓެލިއާ މޯލްޑިވްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރިއަރާފައިވާ ބީ2ބީ ބްރޭންޑެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާގައި ލިބެން ހުންނަ މި ބްރޭންޑުން އެކިއެކި ހަރަކާތްތައް ބާއްވައެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު ބާއްވާ ޖީއެމް ފޯރަމް އަދި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ހިމެނެއެވެ.

comment ކޮމެންޓް