މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ގައުމީ "އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓާ" ނުވަތަ މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މިއީ ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމުގެ އެޖެންޑާ މޯލްޑިވްސް 2.0 ގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ބީއެމްއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކުރުމާ އެކު، މި ސެންޓަރުގެ އެންމެ ފުރަތަމަ ހަރަކާތްތައް މިއަދު ފެށިގެންދިޔައީ ސެންޓަރުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި "ކޯ.ލެބް 26" ހަރަކާތާއެކުގައެވެ. ކޯ.ލެބް 26 އަކީ އޭއައި ބޭނުންކުރުމާއި ގުޅޭ ގޮތުން ރާއްޖޭން ގެންގުޅޭނެ ގައުމީ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެ އިތުރުން ޑޭޓާގެ ތައްޔާރީތަކާއި، އަމަލީ ގޮތުން އެކަން ކުރެވިދާނެ މިންވަރާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން ކަނޑައެޅޭނެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް -- ފޮޓޯ/ ބީއެމްއެލް
ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަންގައި ދެ ދާއިރާއަކުން (ޓްރެކަކުން) މަސައްކަތް ކުރެވޭނެއެވެ. އެއީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބޭންކް އޮފް މޯލްޑިވްސްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް ޚިދުމަތްދޭ އިދާރާތަކުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި، ހިރާސްތައް މެނޭޖުކުރުމާއި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާއި ސްކޭމްތައް ދެނެގަތުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، އަވަސް އަދި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އާޓިފިޝަލް އިންޓެލިޖެންސް އޭއައިއަށް ލިބިގެންވާ ކަމަށެވެ.
"ޓެކްނޮލޮޖީއަކީ މާލީ އިދާރާތަކަށް މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން. އޭގެ ބަދަލުގައި، އެއީ ކަސްޓަމަރުންގެ ތަޖުރިބާއާއި، ޚިދުމަތްތަކަށް އޮންނަ ފަސޭހަކަމާއި، އަދި އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުންދާ މުހިންމު ވަސީލަތެއް،" ޝަރީފް ވިދާޅުވިއެވެ.

މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު -- ފޮޓޯ/ ބީއެމްއެލް
މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ، މިފަދަ ޚާއްސަ ގައުމީ މަރުކަޒެއް އުފެދުމުން، ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކުރުމަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އަމަލީ ގޮތުން ބޭނުންކުރެވޭނެ، ސަގާފަތާއި އާދަކާދައާ ގުޅޭ، އަދި ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ސަބަބުން، ވަކިވަކިން ކުރެވޭ ކަންކަމުގެ ބަދަލުގައި، މުޅި ޤައުމަށް އަމާޒުކޮށްގެން ނިޒާމީ ސިފައެއްގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ. މިއީ ދައުލަތުން ކުރާ އިންވެސްޓްމަންޓްތަކުގެ ވިލުންވެރިކަން އިތުރުކޮށް، ދިވެހި ހުނަރުވެރިން ބިނާކޮށް، އަދި އާންމު ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމެއް،" ސައީދާ ވިދާޅުވިއެވެ.
މޯލްޑިވްސް އޭއައި ލެބް ފަރުމާކުރެވިފައިވަނީ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކޮށް، އޭއައި، ޑޭޓާ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ގައުމުގައި ދެމެހެއްޓެނިވި ގާބިލުކަން އުފެއްދުމަށެވެ. ހެކަތަންގެ ނަތީޖާއެއްގެ ގޮތުން ޕްރޮޓޯޓައިޕްތަކާއި، ހައްލު ހޯދޭނެ މަގުތަކާއި، އަދި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ކޮންސެޕްޓްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
ޝައުގުވެރިވާ ފަރާތްތަކަށް https://colab.mv/ މެދުވެރިކޮށް ހެކަތަންގައި ބައިވެރިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.