ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި؛ ވިޔަފާރިއެއް ނަމަ އެއް ލައްކައިގެ ޖޫރިމަނާއެއް

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: ވޭޕް އަތުލުމުގެ ބާރު، މިއަދު ގެޒެޓުކުރި ގަވައިދުގެ ދަށުން ފުލުހުންނަށް ވަނީ ދީފައި --- ފޮޓޯ/ގެޓީ އިމޭޖަސް

ރާއްޖޭގައި މަނާކޮށްފައިވާ އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްގެ ބާވަތްތައް ބޭނުންކުރާ ނަމަ، އެ ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށްދީ އާންމު ފަރުދުންނާއި ވިޔަފާރިތައް ޖޫރިމަނާކުރުމުގެ ބާރު ގަވައިދަކުން ދީފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓުގައިވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން
ކޮންޓްރޯލްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް އެކަށައަޅައިފައިވާ ގަވައިދެއް ޝާއިއުކޮށްފައެވެ.

އެ ގަވައިދުގައިވަނީ ވޭޕް ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ އެ އެއްޗެއް ކަމާގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގިދާނެ ކަމަށެވެ. އަދި އެ މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށް، އެކަމާ ގުޅިގެން ފުލުހުން އަންގާ އެންގުމަކާ ޚިލާފު ވެއްޖެ ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައިވެއެވެ.

މީގެ އިތުރުން، އެންގުމާ ޚިލާފުވަނީ ވިޔަފާރި ކުރާ ގާނޫނީ ޝަޚުސަކުން ނަމަ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ބާތިލުކުރުމަށް ހުށަހެޅޭނެ ކަމަށް ގަވައިދުގައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މަނާކުރި ވޭޕްގެ ބާވަތްތައް އަތުލުމަށްފަހު ނައްތާލަން ވާނެ ކަމަށް ގަވައިދުގައިވެއެވެ.

އެ ތަކެތި ނައްތައިލަންވާނީ ތިމާވެށްޓަށް ގެއްލުން ލިބުން ކުޑަކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށް ގަވައިދުގައި ފާހަގަކޮށްފައިވެއެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ފުލުހުން މީޑިއާތަކާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް، ވޭޕްގެ މައްސަލަތަކުގައި ޖުމްލަ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާ ކޮށްފައި ވެއެވެ.

https://sun.mv/202242

އެ މީހުންގެ ޖޫރިމަނާއަކީ 130،500 ރުފިޔާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއަށްފަހު، މިދިޔަ މަހު ޖުމްލަ 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު އެ 12 މީހުންގެ ޖޫރިމަނާއަކީ ޖުމްލަ 70،000 ރުފިޔާއެވެ.

އެހެންކަމުން އެހާތަނަށް ވޭޕް ބޭނުންކޮށްގެން ކުރި ޖޫރިމަނާ 130،500 ރުފިޔާއަށް އަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް