ގޭންގު ކުށްތަކަށް ހަރުކަށި އަދަބު ދޭ ބިލު ކޮމިޓީއަށް

ފެބްރުއަރީ 26، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި އެއްވުމެއްގައި އެސްއޯ ފުލުހުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގޭންގު ކުށްތަށް ހުއްޓުވުމަށް ހަރުކަށި އަދަބު ލިބޭހެން ފަރުމާކޮށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި 42 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ބަލައިގެންފައެވެ.

އެއަށްފަހު އެ ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައި ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިނެވެ.

ބިލު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމެވެ. އަދި ކަމާގުޅޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ހަރުދަނާ ގޮތެއްގައި އަދަބު ތަންފީޒުކުރުމެވެ.

މި ބިލުގައި ބުނެފައިވާ ގޮތުގައި މި ގާނޫނު އުފެއްދުމުގެ ބޭނުމަކީ:

  • ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުން.
  • އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުން.
  • ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން.
  • ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ކަނޑައެޅުން.

މި ބިލުގައި އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތައް ވަނީ ބަޔާންކޮށްދީފައެވެ. އެއީ:

  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
  • މީހުން ޓްރެފިކްކުރުމުގެ ކުށް
  • ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް
  • ކޮއިން ނުވަތަ ނޫޓު ކައުންޓާފީޓްކުރުމުގެ ކުށް
  • ނުރައްކާތެރި ކުށް؛ އޭގެ ތެރޭގައި ހިމެނެނީ: މީހަކު މަރާލުން، މާރާމާރީ ހިންގުން، މީހަކަަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕް ކުރުން އަދި މީހަކަށް ބިރު ދެއްކުން ފަދަ ކުށްތަކަށް
  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ކަނޑައެޅިފައިވާ އެންމެހާ ކުށްތައް

ގޭންގު ކުށްތަކުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައި، ގޭންގު ކުށްތައް ހުއްޓުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/199725

ރާއްޖޭގައި އުޅޭ ނަން މަޝްހޫރު ބޮޑެތި ގޭންގުތަކުގެ ކަންތައްތައް އެއްކޮށް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އިހުސާން ވިދާޅުވީ ގޭންގުތައް ހުއްޓުވޭނޭ ކަމުގެ 100 ޕަސެންޓް ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ. އަދި އެކަން ކުރެވޭނޭ ގާބިލުކަން އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެބަހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވޭތުވެދިޔަ އެއް އަހަރުތެރޭ ގޭންގު ކުށުގެ މައްސަލަތަކުގައި 50 މީހުން ހައްޔަރުކޮށް، 65 މީހުންނަށް ދައުވާކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް