އެޗްބީއޯގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ "ވައިޓް ލޮޓަސް"ގެ ތިންވަނަ ސީޒަނަށް ފުރިހަމަ ރިވިއުތަކެއް ލިބިއްޖެއެވެ.
ޑްރާމާ ޝޯ ވައިޓް ލޮޓަސްއަކީ ރިލީޒްކުރުމާއެކު ބޮޑު މަގުބޫލުކަމެއް ހޯދަން ފަށާފައިވާ ޝޯއެކެވެ. މި ޝޯ ދައްކަމުން ދިޔަ ދުވަސްވަރު މުޅި އިންޓަނެޓުން މި ޝޯގެ ވާހަކަ ނޫން އެހެން ވާހަކައެއް ނީވެއެވެ.
އެޗްބީއޯއިން މިހާރު ތައްޔާރުވަމުން އަންނަނީ ޝޯގެ ތިންވަނަ ސީޒަން ދައްކަން ފެށުމަށެވެ. އެގޮތުން ކޮންމެ ސީޒަނެއްގައި ތަފާތު މަންޒިލަކަށް ޚާއްސަކޮށްގެން ދައްކާ މި ޝޯގައި މި ފަހަރު ފެންނާނީ ތައިލެންޑެވެ. އާ ސީޒަނާއެކު ޝޯގެ ކާސްޓަށް ވެސް ބޮޑެތި ބަދަލުތައް އަންނާނެއެވެ.
އާ ކާސްޓާއެކު ދައްކާ މި ޝޯ އާންމުންނަށް ދައްކަން ފެށުމުގެ ކުރީން ޝޯގެ ރިވިއުތައް މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ރޮޓެން ޓޮމާޓޯސްގެ ކްރިޓީކުންގެ ރިވިއުތަކުން މި ސީޒަނަށް ވަނީ 100 ޕަސެންޓް ލިބިފައެވެ. މި ރިވިއު ލިބިފައިވަނީ 20 އަށްވުރެ ގިނަ ކްރިޓީކުންގެ ރިވިއުއާއެކުގައެވެ. މި ޝޯ ބެލި ހުރިހާ ކްރިޓީކުންނަށް ވަނީ ޝޯ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.
މި ރިވިއުތަކާއެކު ފޭނުންގެ ކެތްތެރިކަން ވަނީ އިތުރަށް ކުޑަވެފައެވެ. އަދި އަންނަ ހަފުތާގެ އާދިއްތަ ދުވަހު ފޭނުންނަށް ޝޯގެ އާ ސީޒަނުން ފުރަތަމަ އެޕިސޯޑު ބަލަން ލިބޭނެއެވެ.
ތިންވަނަ ސީޒަންގެ އެންމެ ޚާއްސަ އެއް ތަރިއަކީ ކޭޕޮޕްގެ އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ލިސާ މަނޮބަންއެވެ. މިއީ ލިސާ އެކްޓުކުރުމަށް ނުކުންނަ ފުރަތަމަ އުފެއްދުމެވެ. ވައިޓް ލޮޓަސްއަކީ ބޮޑު ކާސްޓެއް އޮތް ޝޯއެކެވެ. އެގޮތުން ތިއޯ ޖޭމްސްއާއި ޖެނިފާ ކޫލިޖްގެ އިތުރުން އެލެގްޒެންޑްރިއާ ޑަޑާރިއޯ އަދި އޯބްރީ ޕްލާޒާ ފަދަ އެކްޓަރުން ވަނީ ޝޯއިން ފެނިގެން ގޮސްފައެވެ.
އަންނަ މަހު ނެރޭ އާ ސީޒަނުން ވެސް މި ކާސްޓުގެ ބައެއް އެކްޓަރުން ފެނިގެންދާނެއެވެ.