ސިހުރު ހަދާފައި ވިލުފުށި ކެފޭއެއް ކައިރިއަށް އެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަނީ

ތ. ވިލުފުށި -- ފޮޓޯ/ ޕީއެސްއެމްނިއުސް

ސިހުރު ހެދުމަށް ފަހު ތ. ވިލުފުށީ ކެފޭއެއް ކައިރީ ވަޅުލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން މިއަދު ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 00:10 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ، އެ ރަށު ކެފޭއެއް ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ ކަމަށެވެ.

އެކަމަކު، މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ސިހުރުގެ މައްސަލަތައް މި ފަހުން ވެސް ބައެއް ރަށްރަށުން ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. އެ ގޮތުން، ސިހުރުގެ ތުހުމަތުގައި މި ފަހުން ރ. މީދުއާއި އަލިފުށީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި، އޭގެ ކުރިން ހއ. ކެލާއިން ސިހުރުގެ މައްސަލައެއް ފެންމަތިވެގެން ވެސް ފުލުހުން ތަހުގީގެއް ފެށިއެވެ.

comment ކޮމެންޓް