ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަރަށް ބޯކޮށް ވާރޭވެހިއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނި ގޮތުގައި، ކުރިއަށް އޮތް ހުކުރު ދުވަހާ ހަމައަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެ، ވިއްސާރަކުރާނެއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ހެނދުނު 08:00 އިން ފެށިގެން މިއަދުގެ ހެނދުނު 08:00 އާ ހަމައަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް 93.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ބ. ގޮއިދޫއަށް 64.3 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، އއ. ތޮއްޑޫއަށް 57.3 މިލިމީޓަރު އަދި ނ. މާފަރުއަށް 56.3 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މީގެ އިތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އެހެން ބައެއް ރަށްތަކަށް ވެސް ބޯކޮށް ވާރޭވެހިފައިވެއެވެ. އެގޮތުން ޅ. އޮޅުވެލިފުށިއަށް 40.5 މިލިމީޓަރު، ރ. އަލިފުށިއަށް 36.0 މިލިމީޓަރު، ހދ. ހަނިމާދޫއަށް 25.8 މިލިމީޓަރު އަދި ހދ. ކުޅުދުއްފުށިއަށް 20.1 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މާލެ ސަރަހައްދަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 28.8 މިލިމީޓަރު އަދި ހުޅުލެއަށް 30.8 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 47.1 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. މީގެ އިތުރުން ގދ. ކާޑެއްދޫއަށް 22.0 މިލިމީޓަރު އަދި ގދ. ތިނަދޫއަށް 18.1 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ނަމަވެސް، އެންމެ ދެކުނުން ފުވައްމުލައް ސިޓީ އަދި ސ. ހުޅުމީދޫއަށް ވެހިފައިވަނީ ނިސްބަތުން މަދު މިންވަރެއްގެ ވާރޭއެވެ. އެގޮތުން ފުވައްމުލަކަށް 8.5 މިލިމީޓަރު އަދި ހުޅުމީދޫއަށް 1.4 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކައެވެ.
މުޅި ރާއްޖެއަށް ވެސް މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ބުނި ގޮތުގައި، ކުރިއަށް އޮތް ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެއެވެ.