ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހޭނެތީ ސަމާލުވުމަށް އަންގައިފި

ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތީގައި ބަޔަކު ހިނގާފައި ދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އަންގައިފިއެވެ.

މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ނެރެފައިވާ މޫސުމީ އިންޒާރުގައި ބުނެފައިވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ވެސް ކުރަމުން އަންނައިރު މެޓުން ކުރިން ލަފާކޮށްފައި ވަނީ މިއަދަށް ފަހު މޫސުން ރަނގަޅު ވާނެ ކަމަށެވެ.

މިއަދު ވައި ޖެހޭނެ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ. ރާޅުގެ އުސްމިން ދެކުނުގައި ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ. އަދި މެދުތެރެއާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ނިލަންދޫއަށެވެ. އެ ރަށަށް 34.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ފ. ބިލެތްދޫއަށް 30.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެއަށް 24.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މީގެ އިތުރުން މާލެއަށް 22.3 މިލިމީޓަރު، އައްޑޫ ސިޓީ ހިތަދޫއަށް 22.2 މިލިމީޓަރު، އއ. ހިމަންދޫއަށް 19.8 މިލިމީޓަރު އަދި ހުޅުލެއަށް 19.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކައެވެ.

އެންމެ މަދުން ވާރޭ ވެހިފައިވަނީ ކ. ދިއްފުށި އަދި ހދ. ހަނިމާދޫއަށެވެ. އެއީ ދިއްފުއްޓަށް 1.0 މިލިމީޓަރު އަދި ހަނިމާދޫއަށް 1.8 މިލިމީޓަރުގެ ވާރޭއެވެ.

comment ކޮމެންޓް