މި ވަގުތު ގިނަ ބައެއްގެ ފާޑު ކިޔުން ރައްދުވެފައިވާ ފިލްމު ކަމަށްވާ އެމިލިއާ ޕެރޭޒް އާ ގުޅޭގޮތުން ބެލުންތެރިން ހިތްހަމަ ނުޖެހުނު ނަމަވެސް އެކަމާ ކަންބޮޑު ނުވާ ކަމަށް އޭގެ ލީޑް އެކްޓަރެއް ކަމަށްވާ މަޝްހޫރު ތަރި ސެލީނާ ގޮމޭޒް ބުނެފިއެވެ.
މި އަހަރުގެ އެންމެ ކޮންޓްރޮވާޝަލް އެއް ނޯމިނޭޝަންއަކީ މިއުޒިކަލް ފިލްމު "އެމިލިއާ ޕެރޭޒް އެވެ. މި ފިލްމު ވަނީ އޮސްކާ ނޮމިނޭޝަންގައި ރެކޯޑުތަކެއް ހޯދާފައެވެ. އެގޮތުން 13 ނޯމިނޭޝަނާއެކު ފިލްމު ވެފައިވަނީ މި އަހަރުގެ އެވޯޑު ހަފުލާގައި އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވާ ފިލްމަށެވެ. ނަމަވެސް ފިލްމުގެ ކޮލިޓީއަށް ބަލައި މިއީ ހައްގު ނޮމިނޭޝަންތަކެއް ނޫންކަމަށް އެތައް ބަޔަކު ދިޔައީ ގޮވަމުންނެވެ.
އަދި ފިލްމަކީ ކްރިޓީކުންނާއި ފޭނުންގެ ތެރޭގައި ވެސް ކަމު ގޮސްފައިވާ ފިލްމެއް ނޫނެވެ. ފިލްމުގެ ސްކްރިޕްޓުން ފެށިގެން ޑައިލޮގު އަދި އެކްޓިން އަށް ވެސް ވަނީ އާންމުންގެ ފާޑުކިޔުން ރައްދުވެފައެވެ. އެއާއެކު ވެސް ފިލްމުގެ އެއްވެސް އެކްޓަރެއް މީގެ ކުރީން ފިލްމު ދިފާއު ކޮށްފައެއް ނުވެއެވެ.
ނަމަވެސް ދާދިފަހުން ސަންޓަ ބާބަރާ ފިލްމު ފެސްޓިވަލް ތެރެއިން ދިން އިންޓަވިއުއެއްގައި ވަނީ ފިލްމު ދިފާއު ކޮށްފައެވެ. އޭނާ ބުނެފައިވަނީ ފިލްމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ފިލްމާ މެދު ދެކެވޭ ދެކެވުން ކޮންމެވެސް ގޯސްވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އަދިވެސް އޭނާ އެ ފިލްމާ މެދު ވަރަށް ފަހުރުވެރިވާ ކަމަށް ސެލީނާ ބުންޏެވެ. އެހެންވީމާ އާންމުންގެ ފާޑުކިޔުން ލިބުނު ނަމަވެސް އެކަންތައް ހެޔޮ ކަމުގައި ސެލީނާ ބުނެއެވެ.
ފިލްމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިޝާރާތް ކޮށްފައި އެވަނީ ފިލްމުގެ ލީޑް އެކްޓަރެއް ކަމަށްވާ ކާލާ ސޯފިއާ ގަސްކޯން ދާދިފަހުން ހޫނުފެނަށް ވެއްޓިފައިވާތީއެވެ. އޭނާ ކޮށްފައިވާ އެތައް ޓްވީޓުތަކަކާ ގުޅިގެން މައްސަލަ ހޫނުވެ އެންމެ ފަހުން ކާލާ ވަނީ އޮސްކާގެ ނޯމިނޭޝަނުން އަމިއްލައަށް ބޭރު ވެސް ވެފައެވެ.