އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާގެ މަގެއްގައި ލަވަ ކިޔަން ހުއްޓައި ފުލުހުން އައިސް އޭނާ ހުއްޓުވައިފިއެވެ.
މިވަގުތު ދުނިޔޭގެ އެންމެ ނަން ހިނގާ ލަވަކިޔުންތެރިންގެ ލިސްޓުގައި އެޑް ޝީރަން ހިމެނެއެވެ. އޭނާގެ ލަވައެއް އަޑު ނީވޭ މީހަކު މިހާރު މަދުވާނެއެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުވުމުގެ ކުރީން އެންމެ ގިނައިން ލަވަ ކިޔައި އުޅުނީ މަގުމަތީގައެވެ. ރިކޯޑް ލޭބަލެއްގެ ސަމާލުކަމަށް އޭނާ އައީ ވެސް އެގޮތަށެވެ.
އެއާއެކު އާންމުން އެއްވެ އުޅޭ ތަންތަނުގައި ލަވަ ކިޔުމަކީ އެޑް ވަރަށް ގަޔާ ވާ ކަމެކެވެ. މިއީ ގިނަ ބަޔަކަށް އޭނާ ކަމުދާ ވެސް ބޮޑު އެއް ސަބަބެވެ. ނަމަވެސް މިކަންތައް އިންޑިއާގެ ފުލުހުންނަކަށް ކަމަކު ނުދިޔައެވެ.
އިންޑިއާގެ ބެންގަލޫރަށް ދާދި ފަހުން ކުރި ދަތުރެއްގައި އެޑް ވަނީ މަގުމަތީގައި ލަވަކިޔައިފައެވެ. ބެންގަލޫރުގައި ކޮންސާޓް ދިނުމަށް ހަމަޖެހިފައިވާއިރު އޭނާ ވަނީ ކޮންސާޓްގެ ކުރީން އާންމުންނަށް ޝޯއެއް ދިނުމަށް މަސައްކަތް ކޮށްފައެވެ.
ބެންގަލޫރުގެ ސަރަހައްދެއްގައި އޭނާ ލަޔަކިޔަން ހުރީ ބެޓެރި ޗާޖު ކުރެވޭ މައިކަކާއި ސްޕީކަރެއް ހިފައިގެންނެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ތިބީ އެއްވެއެވެ. އަދި އެ ސަރަހައްދުގައި އެޑްގެ ލަވަކިޔުން ރިކޯޑުކުރަން ވެސް އެތައް ބަޔަކު ތިއްބެވެ.
https://x.com/PopBase/status/1888796896673648865
އޭނާ ލަވަކިޔަމުން ދަނިކޮށް އިންޑިއާގެ ފުލުހުން އެ ސަރަހައްދަށް އެއްވެ އޭނާގެ ސްޕީކަރަށް ގުޅާފައިވާ ވާގަނޑު ނައްޓާލައި ސްޕީކަރު އަތުލާފައިވެއެވެ.
އެއާއެކު އެ ސަރަހައްދުގައި މިއުޒިކް ހުއްޓާލާފައިވެއެވެ. އެއަށްފަހު އެ ސަރަހައްދުގައި އެޑް އަށް އަލުން ޕަފޯމް ކުރެވޭ ގޮތެއް ނުވިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އޭއެންއައި އަށް ފުލުހުންގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެ ސަރަހައްދުން މިއުޒިކް ހުއްޓުވާލާފައިވަނީ އެއީ ވަރަށް ތޮށްޖެހޭ ސަރަހައްދަކަށް ވާތީއެވެ. އަދި އެ ސަރަހައްދުގައި އޭނާ ލަވަކިޔަން ހުރުމުން އިތުރަށް ބާރުބޮޑުވެ މަގުމަތީގައި ދަތުރުފަތުރު ކުރުމަށް އުނދަގުވާނެތީ އޭނާ ހުއްޓުވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެޑް ޝީރަން އިންޑިއާގައި ދޭ ޓުއާ ރޭގައި ވަނީ ފަށާފައެވެ. އަދި މި ޓުއާގައި އިންޑާގެ ހަތް ސިޓީއެއްގައި އޭނާ ޕަފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭނާގެ ޓުއާއަށް އިންޑިއާގައި 15 ދުވަހު މަޑު ކުރާނެއެވެ.