ސިޔާސީ މުވައްޒަފުންގެ ނަން ހާމަނުކުރާން ރައީސް އޮފީހުން ހައި ކޯޓަށް

ރައީސް މުއިއްޒު: ސިޔާސީ މަގާމުތަކުގައި ތިބި މީހުން ހާމަނުކުރަން ވެގެން ރައީސް އޮފީހުން ވެސް މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ނަންތަކާއި މުސާރައިގެ ތަފުސީލު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ނިންމި ނިންމުން، ރައީސް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އަމިއްލަ ފަރާތަކުންވަނީ، ޖަނަވަރީ 17، 2023އިން މިދިޔަ އަހަރުގެ ޖަނަވަރީ އަށެއްގެ ނިޔަލަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަ ކުރުމަށް ރައީސް އޮފީހުގައި އެދިފައެވެ. އޭގެ ތެރޭގައި އެ މީހުންގެ ނަންތަކާއި، އެޑުރެހާއި، ވަޒީފާ އަދާކުރާ މަގާމާއި ތަނުގެ އިތުރުން، މުސާރައިގެ މައުލޫމާތު ހޯދުމަށް އެދިފައިވެއެވެ.

ރައީސް އޮފީހުން އެ މައުލޫމާތު ނުލިބުމުން އެ މީހާ، އެ މައްސަލަ އައިކޮމްއަށް ހުށަހެޅިއެވެ. އެ ކޮމިޝަނުން ނިންމީ މުވައްޒަފުންގެ އެޑުރެސް ފިޔަވަައި ދެންހުރި މައުލޫމާތުތައް ދޭންޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ ރެޖިސްޓްރީން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ރައީސް އޮފީހުންވަނީ އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މި ސަރުކާރުން ވަކިކުރި ކަމަށް ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެ މައްސަލަ ވެސް އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

https://sun.mv/202122

އެއީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެޅި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރި ސިޔާސީ މުވައްޒަފުންނެވެ.

އެ މުވައްޒަފުން ވަކިކުރުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ސަރުކާރުގެ ވައުދަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުވިޔަނުދީ ހިފެހެއްޓުމެވެ. އެކަމަކު، އެ އަދަދު ފަހަނައަޅައި ގޮސް، ސިޔާސީ މުވައްޒަފުންގެ އަދަދު ހާހަކަށް ވުރެ ވެސް އިތުރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

comment ކޮމެންޓް