މި ސަރުކާރުން ވަކިކުރި ކަމަށް ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެޅި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ވަކިކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުންގެ ނަމާއި، އެ މީހުން މަގާމު އަދި ވަޒީފާ އަދާކުރީ ކޮން ތަނެއްގައިތޯ ބެލުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ތިން މީހަކު ވަނީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް)އަށް ވެސް ހުށަހަޅައިފައެވެ. އެ މައުލޫމާތުތައް ހިއްސާ ކުރުމަށް އެ ކޮމިޝަނުން ރައީސް އޮފީހަށް ވެސް އޮތީ އަންގައިފައެވެ.
މި މައްސަލައިގައި އައިކޮމްއިން ނިންމި ތިން ނިންމުމާއެކު، އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައި، އޭޖީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ އާދިއްތައިގައެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އަދި އެ ކޯޓަކުން ގޮތެއް ނުނިންމައެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޓަކައި މިނިސްޓްރީތަކުން 228އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވީ މިދިޔަ އޮކްޓޫބަރު 15ގައެވެ.
އޭގެ ފަހުން ނޮވެންބަރު އެއްވަނަ ދުވަހު، ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ، ސަރުކާރުން 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
އެހެން ނަމަވެސް ވަކި ކުރި މުވައްޒަފުންގެ ތަފުސީލެއް ހީނާ ނުދެއްވަ އެވެ.
މި ނިންމުމާއެކު ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ވައުދަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުވިޔަނުދީ ހިފެހެއްޓުމެވެ. އެކަމަކު، އެ އަދަދު މިހާރު އިތުރުވާނެ ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.