ވިނަރެސް ފުލެޓުތައް ކައިރީ ދެ ސައިކަލު ޖެހި، އަނިޔާވި މީހަކަށް ފަރުވާދެނީ

ވިނަރެސް ފުލެޓްތައް: ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓު ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ވަނީ ހިނގާފައި -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރިން މިއަދު ދެ ސައިކަލެއް އެކްސިޑެންޓުވެ، އެ ހާދިސާގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރުފަހު 15:50ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށާއި ނަމަވެސް އެކަކަށް ލިބުނު އަނިޔާތަކާ ގުޅިގެން ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓު ހިނގި ވަގުތު ސައިކަލު ދުއްވަން ތިބި ދެ މީހުންނަކީ ވެސް ލައިސަންސް އޮތް ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވިނަރެސް ފުލެޓުތައް ކައިރީގައި މީގެ ކުރިން ވެސް ސައިކަލާއި ކާރު ވެސް ޖެހި، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 2،885 އެކްސިޑެންޓް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 258 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް