''ފޮތި ނެޕީ ބޭނުންކުރުމުން މަހަކު 1000 ރުފިޔާ ރައްކާކުރެވޭ''

ކާމިޔާބު ކަމާއިއެކު މަގޫދޫގައި "ބުޑުފޮތި ޕްރޮގްރާމް" މިންމާލައިފި --- ފޮޓޯ/ މ. މަގޫދޫ ކައުންސިލް

ފޮތި ނެޕީ ބޭނުންކުރަން ފ. މަގޫދޫގައި ހިންގި "ބުޑުފޮތި" ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މަގޫދޫ އަންހެނުންގެ ތަރައްގީއާ ގުޅޭ ކޮމީޓީއާއި ރަށު ކައުންސިލްގެ އިތުރުން ސިއްޚީ މަރުކަޒުގެ އެހީތެރިކަމާ އެކު ސޮނެވާ ނަމޫނާގެ އެހީގައި ހިންގި ހަތަރު މަސް ދުވަހުގެ މި ޕައިލެޓް ޕްރޮގްރާމް ކުރިއަށްގެދިޔައީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

ބުޑުފޮތި ޕްރޮގްރާމުގައި 33 ކުދީންނަށް ފޮތި ނެޕީ ކިޓު ފޯރުކޮށްދީފައިވާއިރު އެ ބޭނުންކުރާނޭ ގޮތުގެ މައުލޫމާތު ދޭން ނެޕީ ބޭނުންކުރާ ފަރާތްތައް ހިމެނޭ ސަޕޯޓް ގުރޫޕެއް ވަނީ ތައާރަފުކޮށްފައެވެ.

މި ޕްރޮގްރާމު ނިންމާލުމަށް ބޭއްވި ހަރަކާތުގައި އެ ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުގެ ވެރީންގެ އިތުރުން އާއިލާތަކުން ވަނީ ބައިވެރިވެ، ޕްރޮގްރާމުގައި އެންމެ ހަރަކާތްތެރިވި ބައިވެރީންގެ މަސައްކަތް އަގުވަޒަންކޮށްފައެވެ. އެ ގޮތުން މި ޕަރޮގްރާމުގެ ދަށުން ހާސިލުވި ބައެއް ކަންތައްތަކުގެ ތެރޭގައި:

  • ފޮތި ނެޕީ ބޭނުންކުރުމުން ނެޕީއަށް ކުރާ ޚަރަދު ކުޑަކުރެވި ކުދީން އަވަހަށް ނެޕީ ބޭނުންކުރުން ހުއްޓާލުމަށް މަގުފަހިވި ކަމަށް ބެލެނެވެރީން ވަނީ ބުނެފައި
  • ބައިވެރީންގެ 80 އިންސައްތަ މީހުން ބުނެފައިވާ ގޮތުގައި ފޮތި ނެޕީ ބޭނުންކުރުމަށް އެހެން މީހުންނަށް ބާރު އަޅާނެ
  • މަގޫދޫގައި މެދުނުކެނޑި ފޮތި ނެޕީ ލިބޭނޭ މަގުފަހިކުރުމުގެ ގޮތުން އެ ރަށުގެ "ފޯ އެސް ޓްރޭޑާސް" ފިހާރައަކީ ފޮތި ނެޕީ އެ ރަށަށް ފޯރުކޮށްދޭ ރަސްމީ އެޖެންޓަކަށް ހެދުން

މި ޕްރޮގްރާމާއި ގުޅޭ ގޮތުން މަގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަޖީދާ ހަސަން ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން އެނގުނު އެއް ކަމަކީ ކުޑަކުޑަ ބަދަލަކުން ވެސް އާއިލާތަކަށާއި ވެއްޓަށް ބޮޑު ފައިދާއެއް ލިބޭނެކަން ކަމަށެވެ.

މި ޕްރޮގްރާމުގެ ޒަރީޔާއިން ކުނި އުފައްދާ މިންވަރު މަދުވެ، ސިއްޚީ ގޮޮތުން ވެސް މާ އެކަށޭނެ ގޮތެއް ތައާރަފުވުމާ އެކު ތުއްތު ކުދީންގެ މުސްތަގުބަލަށް އެންމެ މަންފާކުރާނޭ ގޮތްތައް އިހުތިޔާރުކުރުމަށް ބެލެނެވެރީން ބާރުވެރި ކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ފޮތި ނެޕީ ބޭނުންކުރުމާމެފު ކޮންމެ ވެސް ވަރަކަށް ނުތަނަވަސްކަން ހުރި. ފޮތި ނެޕީގެ ސަބަބުން ދަރިފުޅަށް އެއްވެސް ގެއްލުމެއް ވެދާނެތީ ކަންބޮޑުވި. ނަމަވެސް ހީކުރިގޮތާ ޚިލާފަށް ދަރިފުޅަށް ދަރިފުޅަށް އެއްވެސް އުނދަގޫ އިހުސާސެއް ނުކުރެވޭ. ފޮތި ނެޕީ ބޭނުންކުރަން ފެށުމުގެ ސަބަބުން އަވަހަށް ނެޕީ ބޭނުންކުރުން ހުއްޓާލުމަކީ ލިބުނު ހީނުކުރާ ކަހަލަ ފައިދާއެއް. ވަރަށް ބޮޑަށް ހަރަދު ކުޑަކުރެވުނު. ފޮތި ނެޕީ ބޭނުންކުރަން ފެށުމުން މަހަކު 1،000 ރުފިޔާ ރައްކާކުރެވޭ،" ޕްރޮގްރާމުގައި ބައިވެރިވި މަޔަކު ކިޔައިދިނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް