ރިސޯޓު މުވައްޒަފުންނަށް ބުރުގާ އެޅުމާއި ތުނބުޅި ބަހައްޓަން ހުރި ހުރަސްތައް ނައްތައިލަން ގޮވައިލައި ބ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ގަރާރެއް ހުށަހަޅުއްވައިފިއެވެ.
މެންބަރު މައުރޫފް ވިދާޅުވީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި އެ ނޫން ވެސް ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ޑްރެސްކޯޑުތައް ހުރި ގޮތުން، އެ ތަންތަނުގައި އުޅޭ މުވައްޒަފުންނަށް ބުރުގާ އެޅުމާއި، ތުނބުޅި މަތިމަސް ބެހެއްޓުންފަދަ ކަންކަމަށް ހުރަސްތަކެއް ހުރި ކަމަށް ފާހަގަވާކަމަށެވެ.
އަދި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިން، އަދި ހެދުން އެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް ނުވަތަ އާންމު މިންގަނޑެއް މިހާތަނަށް ވެސް އެކުލަވައިލެވިފައި ނުވާތީ އެ ގަރާރު ހުށަހަޅުއްވަނީ އެ ކަން ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވައިލުމަށް ކަމަށް ވިދާޅުވިއެވެ.
އެ ގަރާރުގައިވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާ ކަމަށް ކަނޑައަޅައިފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ. އަދި އެ މީހަކު ބޭނުން ވަޒީފާއެއް އިޚްތިޔާރުކުުރުމުގެ މިނިވަންކަން ވެސް ކޮންމެ ރައްޔިތަކަށް ލިބިފައިވާ ކަމަށެވެ.
އެއާއެކު ބުރުގާ އެޅުމާއި ތުނބުޅި މަތިމަސް ބެހެއްޓުމަކީ އިސްލާމްދީނުގެ އެއްވެސް އަސްލަކާ ޚިލާފު ކަމަކަށް ނުވާއިރު އަދި ރާއްޖޭގެ އެއްވެސް ގާނޫނަކުން ވެސް މަނާކަމަކަށް ނުވާއިރު ވެސް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބައެއް ތަންތަނުގައި ހެދުން އެޅުމުގެ މިންގަނޑުތައް އެކުލަވައިލެވިފައިވާ ގޮތުން ހުރަސްތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން މަސައްކަތު މާހައުލުގައި އަންހެނުންނަށް ބުރުގާ އެޅުމަށާއި، ފިރިހެން މުވައްޒަފުންނަށް ތުނބުޅި މަތިމަސް ރަނގަޅު މިންވަރަކަށް ބެހެއްޓުމަށް ހުރަސްތަކެއް ހުރި ކަމަށް އޭނާގެ ގަރާރުގައިވެއެވެ.
އެހެންވެ، އެއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ މީހުންގެ ތެރެއިން ބުރުގާ އަޅައިގެން ނުވަތަ، ތުނބުޅި މަތިމަސް ބަހައްޓަން ބޭނުންވާ މީހުންގެ މަސައްކަތްކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއްކަމަށް ފެންނަކަމަށް ގަރާރުގައިވެއެވެ.
އެއާއެކު އެ ފަދަ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް ހުރި ހުރަސްތައް ނައްތައިލައި، ޑްރެސްކޯޑާއި ގްރޫމިން މިންގަނޑުތައް އެއްހަމަ ގޮތެއްގައި އެކުލަވައިލުމަށް ވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.
މި ބިލަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން އެ ސިނާއަތުގައި މަސައްކަތްކުރާ 11،000 އަށްވުރެ ގިނަ މަސައްކަތްތެރިންނާ ސުވާލުކުރުމުން 93 ޕަސެންޓު މީހުން ރަނގަޅު މިންވަރަަކަށް ތުނބުޅި ބަހައްޓައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ލިބުން އެދޭކަމަށް ބުނި ކަމަށެެވެ.
ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން 45 އިންސަތަ ރިސޯޓުން މިހާރުން ބުރުގާ އެޅުމާއި، ތުނބުޅިމަތިމަސް ބެހެއްޓުމުގެ ފުރުސަތު މިހާރު ދޭކަން ފާހަގަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރިސޯޓު މުވައްޒަފުންވަނީ ތުނބުޅި މަތިމަސް ބެހެއްޓޭހެން ރަސްމީކޮށް ގަވައިދެއް އެކަށައަޅައިން ގޮވައިލައިފައެވެ.
ގިނަ ރިސޯޓުތަކުގައި މިހާރު ވެސް ތުނބުޅި މަތިމަސް ބެހެއްޓުމަށް ފުރުސަތު ދެެއެވެ. ނަމަވެސް އެ މިންގަނޑު ރަސްމީކޮށް ބަޔާންކުރާ ގައިޑްލައިނެއް އަދި ނޯވެއެވެ.