މިލަދޫ ފެނަކައިގެ ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި

ނ. މިލަދޫ ފެނަކަ ބްރާންޗް: ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން މިލަދޫ ފެނަކަ ބްރާންޗްގެ 3 މުއައްޒަފަކު ސަސްޕެންޑްކޮށްފި ---

ފެނަކައިން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުލިގެން ނ. މިލަދޫގައި ހުންނަ އެ ކުންފުނީގެ ބްރާންޗުގައި މަސައްކަތްކުރި ތިން މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބު ލިބުމުން އެ ރަށުގައި ހުންނަ ފެނަކަ ބްރާންޗުގައި މަސައްކަތްކުިރ މުވައްޒަފުންތަކެއް ސަސްޕެންޑުކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ އެ ކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

"ސަން"އިން ސުވާލު ކުރުމުން މިލަދޫ ފެނަކަ ބްރާންޗުގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލައަކީ ފެނަކަ ހެޑް އޮފީހުން ތަހުގީގުކުރަމުންދާ މައްސަލައެއްކަމުން އެ ކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށެވެ.

"އެއީ ހެޑް އޮފީހުން ބަލަމުންދާ މައްސަލައެއް. ފެނަކައިގެ ހެޑް އޮފީހުން އެ މައުލޫމާތު ލިބޭނީ. އަޅުގަނޑަކަށް އެއްޗެއް ނުދެންނެވޭނެ،" މިލަދޫ ފެނަކަ ބްރާންޗުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފެނަކައާ ސުވާލުކުރި ނަމަވެސް ފޯނަށް ޖަވާބުނުދެއްވާތީ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މިލަދޫ ކައުންސިލް ރައީސް އަބްދުލް މަޖީދު މުޙައްމަދު ވަނީ މިލަދޫ ފެނަކަ ބްރާންޗުން ތިން މުއައްޒަފަކު ސަސްޕެންޑްކޮށްފައިވާކަން ޔާގީން ކޮށްދެއްވާފައެވެ. އަދި، ކައުންސިލް ރައީސަށް ވެސް އެކަން އެނގުނީ އިއްޔެ ހެނދުނު ފޭސްބުކްގައި މީހަކު ކުރި ޕޯސްޓަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ ނަތީޖާއާ ގުޅިގެން، މިލަދޫގެ ފެނަކަ ކޯޕަރޭޝަން ބްރާންޗުގައި މަސައްކަތްކުރާ އެ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި، ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެ، އެ ތަހުގީގުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން 14 ދުވަހަށް އެ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

https://sun.mv/202384

އެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރީ ސަރުކާރުން އެ އިންތިޚާބަށް ނުފޫޒު ފޯރުވަމުން ދަނިކޮށް ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

ފެނަކައަކީ މީގެ ކުރިން ވެސް އިންތިޚާބުތަކާ ގުޅުވައި ވަޒީފާއިން މީހުން ކެނޑުމާއި އިތުރަށް މުވައްޒަފުން ނެގުމުގެ ތުހުމަތުތައް އަމާޒުވެފައިވާ ކުންފުންޏެވެ. ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފެށިއެވެ.

comment ކޮމެންޓް