މި ވަގުތު ރިސޯޓުތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާއަށް އަރާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު، ބީއެމްއެލްއިން ރިސޯޓު މަޝްރޫއުތަކަށް 400 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ފައިނޭންސްކޮށްދީފައިވާ ކަމަށެވެ.
ރިސޯޓު ތަރައްގީކުރުމަށް ފައިނޭންސްކޮށްދިނުމުގެ އިތުރުން، އެ ބޭންކުން ވަނީ ވޯކިން ކެޕިޓަލް، ވިޔަފާރި ފައިނޭންސިން، އަދި ޑިޖިޓަލް ޕޭމަންޓް ޙައްލުތައް ހުށަހަޅާފަކަމަށާއި މިއީ ވިޔަފާރިތަކާއި ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއްނެތި މުޢާމަލާތްތައް ކުރެވޭނެކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ކޮންމެ މަރުޙަލާއެއްގައި ވެސް އެހީތެރިވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފުރިހަމަ މާލީ ހައްލުތަކާއެކު ބޭންކުން އެކަމަށް ތައްޔާރަށް އޮތްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން، ޝަރީފް ވަނީ އެ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ބޭންކިން ނެޓްވޯކާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ އުފެއްދުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލްއިން އަހަރަކު 150 މިލިއަނަށްވުރެ ގިނަ މުޢާމަލާތް ޕްރޮސެސްކުރާކަމަށާއި މި މުއާމަލާތްތަކުގެ އަގު ގާތްގަނޑަކަށް 500 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޑޮލަރުގެ ގިނަ މުއަމަލާތްތައް ކުރާކަމަށެވެ.
އެގޮތުން، ޖުމުލަ 48 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އެސެޓަކާއި 57 ޕަސެންޓުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯއަކާއެކު، މާލީ ހަރުދަނާކަން ދެމެހެއްޓުމާއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދީފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން ވަނީ ގްރީން ރިސޯޓު ފައިނޭންސިން ފެސިލިޓީ އެއްވެސް ތަޢާރަފުކޮށްފައެވެ.
ޝަރީފް ވިދާޅުވީ އެ ފެސިލިޓީއަކީ ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް އެހީތެރިވުމަށްޓަކައި އަހަރަކު 6.5 ޕަސެންޓުގެ ކުޑަ ރޭޓެއްގައި 50 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރެވޭ ފެސިލިޓީއެއްކަމަށެވެ.
މީގެ އިތުރުން، އެ ބޭންކުން ވަނީ ފަސޭހަކަމާއެކު ވޯކިން ކެޕިޓަލް ލިބޭނެ ގޮތަށް ކުރު މުއްދަތުގެ އޯވަޑްރާފްޓް ފެސިލިޓީއެއް ވެސް ތައާރަފުކޮށްފައެވެ.