ނައިބު ރައީސް ވޯލްޑް ގަވަމެންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް

ނައިބު ރައީސް ފުރާވަޑައިގަތުން: އެ މަނިކުފާނު ވޯލްޑް ގަވަމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގެން، މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމްގައި ވާހަކަ ދައްކަވާނެ -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި އޮތް ވޯލްޑް ގަވަމެންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ވޯލްޑް ގަވަމެންޓްސް ސަމިޓް އޮންނާނީ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

‎އެ ސަމިޓްގެ މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމްގައި ނައިބު ރައީސް ވާހަކަ ދައްކަވައި، ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި އަހަރުގެ ވޯލްޑް ގަވަމެންޓްސް ސަމިޓުގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ، "ޝޭޕިން ފިއުޗާ ގަވަމެންޓްސް" އެވެ. އެ ސަމިޓްގެ މަގުސަދަކީ ސަރަހައްދުގެ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކިވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.

މިދިޔަ އަހަރުގެ ވޯލްޑް ގަވަމެންޓްސް ސަމިޓަށް ވަޑައިގެންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެ ސަމިޓުގައި ރައީސް ވަނީ، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްގީގެ ދައުރާ ބެހޭގޮތުން ވާހަކަދައްކަވައިފައެވެ.

comment ކޮމެންޓް