ކުދި ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އަޑުއެހުމަށް ސިލްސިލާ ޑައިލޮގް ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުން މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ހަފްލާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވޭނީ، ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގަވައިދުން ވިޔަފާރިވެރިންނާ ބައްދަލުވެ، ޚިޔާލު ހޯދައިގެން ކަމަށް ސައީދު ވިދާޅުވިއެވެ.
އެހެންކަމުން ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާނެކަން ސައީދު އިއުލާނުކުރެއްވިއެވެ.
މި ސަރުކާރުން މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދީ އޮތުމުން ކުދި ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަމުގެ ތުހުމަތު އޮތީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފައެވެ. ކަން އެހެން އޮއްވައި މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު ވަނީ މިއަހަރާއި އަންނަ އަހަރު ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހު ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވެސް އެތައް ވިޔަފާރިވެރިއަކު އެ ކަންބޮޑުވުން ހިއްސާކުރިއެވެ.
ސަރުކާރުން ނުދައްކައިހުރި ފައިސާގެ ތެރޭ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލާޖައްސައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ.
އެއާއެކު އެ ފައިސާ އަންނަ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ.
ހަމައެއާއެކު ކުދި އަދި މެދު ފަންތީގެ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދަރައިފައިވާއިރު، އެ ވިޔަފާރިތައް ހިންގަން ދަތިވާގޮތަށް، ވާދަވެރި މާހައުލު ގެއްލޭހެން ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން އެކި އާ މަސައްކަތްތަކަށް ވަނުމާއި، ސިޔާސަތުތައް ރަނގަޅަށް ތަންފީޒު ނުވުމާއި، އިދާރާތަކުން ލިބެންޖެހޭ ޚިދުމަތް ލަސްވުމުގެ ޝަކުވާއާއި ކަންބޮޑުވުން ވިޔަފާރިވެރިން އަންނަނީ ފާޅުކުރަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަަހަރު ވާނީ އެ ކަންކަމަށް ހައްލު ގެނެސްދީ، މިފަދަ ވިޔަފާރިތައް ކުރިއަރުވަން އިސްކަންދޭނެ އަހަރަކަށެވެ.