އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޅުއްވުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފިއެވެ.
މާދަމާ މަޖިލީހުގެ ޖަލްސާއަށްވަނީ، ޚަރަދުކުޑަ ކުރުމަށް ޓަކައި ކުރިޔަށް އޮތް ދެ އަހަރަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ފޮނުވައްވާފައިވާ މައްސަލަ ދިރާސާކޮށް، ދާއިމީ ކޮމިޓީއަށް ފޮނުވަން އެޖެންޑާކޮށްފައެވެ.
ރައީސް މުއިއްޒު ވަނީ ދައުލަތުގެ ކުންފުނިތަކުގެ އިތުރުން އެހެން ބައެއް ފަރާތްތަކުގެ މުސާރަތައް މި ދެ އަހަރު ތެރޭގައި ކުޑަކުރަން ނިންމަވައިފައެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ނިންމަވާފައިވެއެވެ.
މި ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށްވަނީ ކަނޑައަޅައިފައެވެ.
އެހެން ނަމަވެސް، 12،000 ރުފިޔާއިން ދަށުގެ މުސާރައެއް ލިބޭ މީހުންނާއި ޕްރޮފެޝަނަލް ކެޓެގަރީތަކުގައި ހިމެނޭ މުވައްޒަފުން މި ފިޔަވަޅުތަކުން އިސްތިސްނާ ވާނެއެވެ.
ހަމައެއާއެކު ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށާއި، ރައީސްގެ މުސާރައިގެ 50 ޕަސެންޓް ނުނަންގަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާއެވެ.
ރައީސް ނިންމަވައިފައިވާ ގޮތަށް، މުސާރަ 50 ޕަސެންޓް ކުޑަކޮށްފި ނަމަ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާއެވެ.
މަޖިލިސް މެންބަރުންގެ މުސާރަތައް ކަނޑައަޅަނީ މެންބަރުން އަމިއްލަފުޅަށް ކަމަށްވާއިރު، މެންބަރުންގެ މުސާރައަކީ މިހާރު ކޮމެޓީ އެލަވަންސާއެކު 82،500 ރުފިޔާއެވެ.