މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރަން ޕެންޝަން އޮފީހުން ޚާއްސަ ސްކޮލާޝިޕް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.
މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތަޢުލީމު ޙާސިލުކޮށް ކުރިއަށް ދިއުމަށް އެދޭ ހުނަރުވެރި ދިވެހިންނަށް އެ ފުރުސަތު ހޯދައިދީ، މާލީ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު މީހުން ބިނާކުރުން ކަމަށް އެ އޮފީހުން ބުނެއެވެ.
މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ދުނިޔޭގެ ޔުނިވާސިޓީ ރޭންކިންއަށް ބަލައި ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން އަންޑާ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ ފުލީ ފަންޑެޑް ސްކޮލާޝިޕް ޕްރޮގްރާމެއް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
އެގޮތުން، މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަަޝިޕްގެ އަދަދު ޕެންޝަން އޮފީހުން އަހަރަކު އެއް ފަހަރު އިޢުލާންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެ އޮފީހުން ވަނީ މި އަހަރަށް އެއް އަންޑަގްރެޖުއޭޓް ސްކޮލާޝިޕް އިއުލާނުކޮށްފައެވެ. އެ އޮފީހުން ބުނީ، މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު އެ އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.