އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް ސިޓީ ދަތުރުކޮށްފި

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުން މިދިޔަ ސީޒަންގައި ފައިނަލްގައި އެއްކޮޅުން ވާދަކުރި މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.

ފަސްވަނަ ބުރުން ސިޓީ ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި ލޭޓަން އޮރިއެންޓާ ރަށުން ބޭރުގައި ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ސިޓީގެ ކީޕަރު ސްޓެފަން އޮރިޓޭގާ ގޯލް ދޫކޮށް ތަންކޮޅެއް ކުރިއަށް ހުރިތަން ފެނި، މެދު ރޮނގު ކައިރިން ލޭޓަން އޮރިއެންޓްގެ މެދުތެރެއަށް ކުޅޭ ޖެމީ ޑޮންލީއަށް ސިޓީ ގޯލަށް ފޮނުވާލި ހަމަލާއިން ސިޓީ ވަނީ ސިއްސުވާލައިފައެވެ. ނަމަވެސް، މި ބޯޅަ ގޯލަށް ވަދެފައިވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ބޭރަށް ނުކުތް ވަގުތު އޮރިޓޭގާ ގައިގައި ޖެހިފައެވެ.

ސިޓީން ނަތީޖާ ހަމަހަމަކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 މިނެޓު ފަހުންނެވެ. މި ލަނޑަކީ ރީކޯ ލުވިސް ލޭޓަން އޮރިއެންޓްގެ ގޯލަށް ފޮނުވާލި ހަމަލާއެއް ސިޓީއަށް ވަރަށް ފަހުން ގުޅުނު އަބްދުކާދިރު ހިސަނޯވް ގައިގައި ޖެހިފާ ވަން ލަނޑެކެވެ. މިއީ ހުސަނޯވް ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑަށް ވެފައެވެ. މެޗުން ސިޓީ މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައި ކެޕްޓަން ކެވިން ޑި ބްރުއިނާއެވެ.

މި މުބާރާތުގައި ފުލަމާއި ވިގަން އެތުލެޓިކް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް، ފުލަމް ވެސް ވަނީ މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފައެވެ. މެޗުގައި ފުލަމްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ މުނީޒެވެ. އަދި، ވިގަންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޖޮނީ ސްމިތެވެ.

ހަތަރުވަނަ ބުރުގައި ބޯންމޯތާއި އެވަޓަން ބައްދަލުކުރި މެޗު 2-0 އިން ބޯންމޯތު ކާމިޔާބުކުރިއިރު އިޕްސްވިޗް ޓައުންއާއި ކޮވެންޓްރީ ސިޓީ ބައްދަލުކުރި މެޗު 4-1 އިން ކާމިޔާބުކޮށްފައިވަނީ އިޕްސްވިޗެވެ.

comment ކޮމެންޓް