ރެއާލް އާއި އެޓްލެޓިކޯގެ ކުރިމަތިލުން އެއްވަރުވެއްޖެ

ރެއާލް އާއި އެޓްލެޓިކޯގެ ކުރިމަތިލުން އެއްވަރުވެއްޖެ --

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވާދަވެރި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 35ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށް މެޗުގެ ލީޑު ނަގައިފައިވަނީ އެޓްލެޓިކޯއިންނެވެ. މިލަނޑު އެޓްލެޓިކޯއަށް ކާމިޔާބު ކޮށްދިނީ ހޫލިއަން އަލްވަރޭޒްއެވެ. މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ.

މިމެޗުގެ ނަތީޖާ ރެއާލްއިން ހަމަހަމަ ކޮށްފައި ވަނީ ދެވަނަ ހާފުގެ ކުޅުން ފެށިޔާ ފަސްވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކިލިއަން އެމްބާޕޭއެވެ. މިއީ އޭނާ މިފަހަރު ލަލީގާގައި ކާމިޔާބުކުރި 16ވަނަ ލަނޑެވެ. މިމެޗުގެ ދެވަނަ ހާފުގައި ބެލިންހަމް ވަނީ މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ އިތުރު ފުރުސަތު ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް މިމެޗުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗު އެއްވަރު ވުމުން ވުމުން ރެއާލް މިހާރު އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި އެޓްލެޓިކޯ އުޅެނީ 49 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެފްސީ ބާސެލޯނާ އުޅެނީ 45 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

މިރޭ ސެވިއްޔާއާ ބައްދަލުކުރާ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ މިފަރަގު އިތުރަށް ކުޑަކުރުމުގެ ފުރުސަތު ބާސާއަށް ލިބިގެންދާނެއެވެ.

comment ކޮމެންޓް