އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އަތުން ބަލިވެ، ޗެލްސީ މުބާރާތުން ކަޓައިފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ.
މެޗުގެ ފަސްވަނަ މިނެޓުގައި ޗެލްސީގެ ކޯލް ޕާމާ ބްރައިޓަންގެ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅައެއް އެ ޓީމުގެ ކީޕަރު ބާޓް ވާބްރޫގެން ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް، ޗެލްސީއަށް މި ލީޑު ދެމެހެއްޓޭވަރުވީ ހަތް މިނެޓު ވަންދެނެވެ. ބްރައިޓަންގެ ޖިއޮޖީނިއޯ ރުޓާ ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުން ބްރައިޓަން މޮޅުވި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކައޮރޫ މިޓޯމާއެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ދެ ޓީމު ބައްދަލުކޮށްފައިވާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހުކުރު ދުވަހު އަނެއްކާ މި ދެ ޓީމު މި ދަނޑުގައި ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ނިއުކާސްލް ޔުނައިޓެޑާއި ބާމިންހަމް ސިޓީ ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކޮށް، ނިއުކާސްލުން ވެސް ވަނީ މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފައެވެ. ފަސްވަނަ ބުރުން ދެން ޖާގަ ހޯދީ ބާންލީ، ކާޑިފް ސިޓީ، އަދި ޕްރެސްޓަންއެވެ.