10 އަހަރަށް ފަހު ރިއާނާ ޕްރޮފައިލް ފޮޓޯ ބަދަލުކޮށްފި

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އެކްޓަރު އަދި ވިޔަފާރިވެރިޔާ ރިއާނާ ފާއިތުވި 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގެ ޕްރޮފައިލް ފޮޓޯ ބަދަލުކޮށްފިއެވެ.

ރިއާނާއަށް ތާއީދު ކުރާ މީހުން، އޭނާ އާ ލަވައެއް ނެރޭތޯ ބަލަބަލާ ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެއާއެކު އެތައް ބަޔަކު ތިބެނީ ރިއާނާގެ ކޮންމެ ފިޔަވަޅަކަށް ވެސް ފާރައަށެވެ. މިހާރު ރިއާނާގެ ފަރާތުން އާ ކަމެއް ވަނީ ފެނިފައެވެ.

ރިއާނާގެ ސޯޝަލް މީޑިއާ ޕްރޮފައިލް އަކީ މިހާރު "އައިކޮނިކް" ވެފައިވާ އެއްޗެކެވެ. ކުރަހާފައިވާ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިއާ ޕްރޮފައިލްތަކަށް ލަފާއިވަނީ މީގެ 10 ވަރަކަށް އަހަރު ކުރީންނެވެ. އެއަށްފަހު އޭނާ އެއްވެސް ވަރަކަށް މި ބަދަލު ކޮށްފައެއް ނުވެއެވެ.

ދާދިފަހުން އެ ފޮޓޯ ބަދަލު ކޮށްފައިވަނީ ކުރީގެ ފޮޓޯއާ ގާތް ކުރާ ފޮޓޯއަކަށެވެ.

ދާދިފަހުން އިއުލާނު ކޮށްފައިވާ ގޮތުގައި ހޮލީވުޑްގެ މަގުބޫލު ފްރެންޗައިޒް ކަމަށްވާ "ސްމާފްސް"ގެ އާ ބައިގައި "ސްމާފެޓް" ކެރެކްޓަރަށް އަޑު އަޅާނީ އޭނާއެވެ. އަލަށް ބަދަލު ކުރި ފޮޓޯއިން ރިއާނާގެ ޕްރޮފައިލް ފެންނަނީ ސްމާފެޓް ގޮތަށެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމުން ރިއާނާގެ އޮރިޖިނަލް ލަވައެއް އަޑު އިވޭނެ ކަމަށް އޭނާވަނީ ބުނެފައެވެ. އެއާއެކު ފޭނުންނަށް އޭނާގެ އާ ލަވައެއް އަޑުއެހުމުގެ ފުރުސަތު ލިބޭނެއެވެ.

ރިއާނާގެ އަމިއްލަ އަލްބަމަކަށް ލަވައެއް ނުނެރޭތާ މިހާރު ނުވަ ވަރަކަށް އަހަރު ވަނީއެވެ. އޭނާ އެންމެ ފަހުން އާ ލަވައެއް ނެރުނީ 2022 ވަނަ އަހަރެވެ. އެއީ ޑިޒްނީގެ "ބްލެކް ޕެންތާ: ވަކަންޑާ ފޮރެވާ"އަށް ކިޔާފައިވާ ލަވައެކެވެ.

ރިއާނާ އަމިއްލަ އަލްބަމެއް ރިލީޒް ކުރާނެ ކަމަށް ކިޔާތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. އަދި އަލްބަމަކަށް ވާ ވަރަށް ލަވަތައް ރެކޯޑު ކޮށްފައިވާ ކަމަށް ވެސް އޭނާ މިދިޔަ އަހަރު ބުންޏެވެ. އެހެން ބުނުމަށްފަހު މަހެއް ފަހުން އަނެއްކާ އޭނާ ބުނީ އެ ލަވަތަކާ މެދު ހިތް ހަމަ ނުޖެހޭ ކަމަށެވެ. އެހެންވީމާ އަލުން އަނެއްކާވެސް ލަވަތަކެއް ރެކޯޑު ކުރާނީ ކަމަށް ރިއާނާ ބުންޏެވެ.

comment ކޮމެންޓް