6 އަހަރުގެ ބްރޭކަކަށް ފަހު މެކޯނަހީ އަނެއްކާ އެކްޓިންއަށް

ހޮލީވުޑްގެ އޭ ލިސްޓު ތަރިއެއް ކަމަށްވާ މެތިއު މެކޯނަހީ އެކްޓް ކުރުމުން ހަ އަހަރުގެ ބޮޑު ބްރޭކެއް ނެގުމަށް ފަހު އަލުން އެކްޓިންއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާ ކާމިޔާބުކޮށްފައިވާ ތަރި މެތިއު އެންމެ ފަހުން ފެނުނީ 2019 ވަނަ އަހަރުގެ އެކްޝަން ފިލްމު "ދަ ޖެންޓްލްމެން" އިންނެވެ. އެއަށް ފަހު އޭނާ ވަނީ އެކްޓިންއިން ބްރޭކެއް ނަގާފައެވެ.

ފިލްމު ކުޅުމާއި އެ ނޫން ވެސް ގޮތްތަކުން މެތިއު ކެމެރާގެ ކުރިމަތީން ނުފެންނަތާ މިހާރު ހަ އަހަރުވެއްޖެއެވެ. އޭނާ ކެމެރާ ކުރިމަތީން ބްރޭކެއް ނަގާފައިވަނީ އޭނާގެ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް އޭނާ ބުނެފައިވެއެވެ. އަދި، ހަމަ އޭގެ އިތުރުން ފިލްމީ ދާއިރާއިން އޭނާއަށް އެ ވަގުތު އުނދަގޫވަމުންދާ ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މިހާރު އޭނާ ރެޑީ ވަނީ ބްރޭކަށް ފަހު ފުރަތަމަ ފިލްމު ރިލީޒްކުރުމަށެވެ.

އެގޮތުން "ދަ ރައިވަލްސް އޮފް އަމްޒިއާ ކިންގް"އަކީ އޭނާ އެންމެ ފުރަތަމަ ދެން ފެންނާނެ ފިލްމެވެ. މި މަހު އިނގިރޭސިވިލާތުގައި ދައްކަން ފަށާފައިވާ މި ފިލްމަކީ ތުރިލާ ފިލްމެކެވެ. މި ފިލްމުގައި މެތިއު ފެންނަނީ ރަށްފުށު އޮކްލަހޯމާ ސަރަހައްދުގައި ދިރިއުޅޭ ލަވަކިޔުންތެރިޔެއްގެ ރޯލުންނެވެ. ނަމަވެސް، އެ އަވަށުގައި ކަންތައް ވެގެންދާ ގޮތާއި ސިއްރުތަކެއްގެ ހަގީގަތް ހޯދުމަށް އޭނާ މަސައްކަތް ކުރާގޮތް ފިލްމުން ފެނިގެންދާނެއެވެ.

މެތިއު ބުނި ގޮތުގައި އޭނާ ފިލްމުގެ ޝޫޓިންއަށް އެންމެ ފުރަތަމަ ނުކުތްއިރު ވެސް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ނަމަވެސް، ޓީމުގެ އެހީއާ އެކު ޝޫޓިންގެ މާހައުލަށް ހޭނެން އެހާ ގިނަ ދުވަސް ނުނަގާ ކަމަށް އޭނާ ފާހަގަކުރެއެވެ.

comment ކޮމެންޓް