މިއުޒިކާ ދުރަށްދާން ނިންމި އާރިއާނާ އާ ލަވަތަކެއް ނެރެނީ

މިއުޒިކް އިންޑަސްޓްރީގެ އެންމެ ފާހަގަކުރެވޭ ނަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ނަން ކަމުގައިވާ އާރިއާނާ ގްރާންޑޭ މިއުޒިކާ ދުރަށް ދާން ނިންމިތާ ގިނަ ދުވަސްތަކެއް ނުވަނީސް އާ ލަވަތަކެއް ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ.

އާރިއާނާ ވަނީ ދާދިފަހުން ހޮލީވުޑްގެ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައެވެ. މިދިޔަ އަހަރު ފަހުކޮޅު އެޅުވި މިއުޒިކަލް ފިލްމު ކަމަށްވާ "ވިކެޑް"ގައި މުހިއްމު ރޯލަކުން ފެނިފައިވާއިރު ގިނަ ބަޔަކު އޭނާގެ އެކްޓިން ހުނަރު ވަނީ ބަލައިގަނެފައެވެ. އޭނާގެ އެކްޓިންއަށް ވަނީ އޮސްކާ ނޯމިނޭޝަނެއް ވެސް ލިބިފައެވެ.

މިދިޔަ މަހު އާރިއާނާ އިއުލާނުކޮށްފައިވަނީ މިއުޒިކާ ދުރަށް ދާން ނިންމާފައިވާ ކަމެވެ. އެއަށް ފަހު ބޮޑަށް ސަމާލުކަން ދޭނީ އެކްޓިންއަށް ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

އާރިއާނާ މިހެން ބުނެ މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާ މިވަނީ އަނެއްކާ ވެސް މިއުޒިކް އިއުލާނުކޮށްފައެވެ. އަލަށް އިއުލާނުކޮށްފައިވަނީ އޭނާ މިދިޔަ އަހަރު ނެރުނު އަލްބަމް "އިޓާނަލް ސަންޝައިން"ގެ ޑިލަކްސް ވާޝަންއެވެ.

އަލަށް އިއުލާނުކޮށްފައިވާ ވާޝަންގައި އޭނާ މުޅިން އާ ހަ ލަވައެއް ހިމަނާފައިވެއެވެ. މި ހަ ލަވައަކީ މީގެ ކުރީން އަޑު އިވިފައިނުވާނެ ލަވަތަކެއް ކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ. އާރިއާނާ ބުނި ގޮތުގައި އަލަށް ހަ ލަވައާ އެކު ޑިލަކްސް ރިލީޒްކުރާނީ މި މަހުގެ 28 ވަނަ ދުވަހެވެ.

ފަހަރުގައި މިއީ އޭނާ ކައިރި މުސްތަގުބަލެއްގައި ނެރޭނެ އެންމެ ފަހު މިއުޒިކް ކަމަށް ވެދާނެ ކަމަށް އޭނާގެ ފޭނުން ބުނެއެވެ. މިއީ އޭނާގެ މިދިޔަ އަހަރުގެ އޮރިޖިނަލް އަލްބަމަށް މީގެ ކުރީން ރިކޯޑުކޮށްފައި ނަމަވެސް ހިތްހަމަ ނުޖެހިގެން އަލްބަމްގައި ހިމަނާފައިނުވާ ލަވަތަކަށްވުން ވެސް އެކަށީގެންވެއެވެ.

comment ކޮމެންޓް