މީގެ ކުރީން ކޮށްފައިވާ ޓްވީޓުތަކަކާ ގުޅިގެން ފާޑު ކިޔުން ރައްދުވެފައިވާ، ކާލާ ސޯފިއާ ގަސްކޯން، އޮސްކާގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ނޮމިނޭޓް ވެފައިވީ ނަމަވެސް އެ ރޭހުން އަމިއްލައަށް ވަކިވެއްޖެއެވެ.
މިއަހަރު އެންމެ ގިނަ ބަޔެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ އެއް ނޮމިނޭޝަން އަކީ މިއުޒިކަލް ފިލްމު "އެމިލިއާ ޕެރޭޒް"ގެ ނޮމިނޭޝަންތަކެވެ. މި ފިލްމު ވަނީ އޮސްކާ ނޮމިނޭޝަންގައި ރެކޯޑުތަކެއް ހޯދާފައެވެ. އެގޮތުން 13 ނޯމިނޭޝަނާއެކު ފިލްމު ވެފައިވަނީ މިއަހަރުގެ އެވޯޑު ހަފުލާގައި އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވާ ފިލްމަށެވެ. ނަމަވެސް ފިލްމުގެ ކޮލިޓީއަށް ބަލައި މިއީ ހައްގު ނޮމިނޭޝަންތަކެއް ނޫން ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ނޮމިނޭޝަންގެ ތެރެއިން ކާލާ ކުޅެފައިވާ ރޯލަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ ރޯލުން ނޮމިނޭޝަން ވެސް ލިބިފައެވެ.
ނަމަވެސް ދާދިފަހުން އާންމުވެފައިވާ ޓްވީޓުތަކަކާ ގުޅިގެން އޭނާ އޮސްކާ ރޭހުން ޑިސްކޮލިފައި ވެދާނެ ކަމުގެ ބިރު އޮތީ އުފެދިފައެވެ. މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެން ފެށުމުން އެންމެ ފަހުން އޭނާވަނީ އަމިއްލައަށް ރޭހުން ބޭރުވެފައެވެ.
ކާލާ ބުނިގޮތުގައި އޮސްކާ ނޮމިނޭޝަން ދޫކޮށްލީ އެއީ މިހާރު އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާއަށް ބެލެވޭތީއެވެ. އަދި ކޮންމެ ގޮތެއްވީ ނަމަވެސް ފިލްމަށް މީހުންގެ ފަރާތުން ލިބިފައިވާ ލޯބި، އޭނާގެ ސަބަބުން ނުގެއްލޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ބުނެއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ "ވެރައިޓީ"ގެ ނޫސްވެރިޔަކު، ކާލާގެ ސޯޝަލް މީޑިއާ ބަލަމުން ދަނިކޮށް ފެނުނު ކަމަށް ބުނެފައިވަނީ މީގެ ދެ އަހަރެއް ކުރީން ކޮށްފައިވާ ޓްވީޓެކެވެ. މި ޓްވީޓުގައި އޭނާ ވަނީ މެކްސިކޯއަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށް ހަޑިހުތުރު އަދި ތެދު ނޫން ވާހަކަތަކެއް ދައްކާފައެވެ.
އެއަށްފަހު އެހެން އެތައް ޓްވީޓުތަކެއް ފެނިފައިވެއެވެ. އޭގެތެރޭގައި ކަޅު ނަސްލުގެ މީހުންނަށް އަމާޒުކޮށް، ނަސްލީ ތަފާތުކުރުންތައް ހިމެނޭ ވާހަކަތަކާއި އިސްލާމް ދީނަށް ފުރައްސާރަ ކުރާ އެތައް ވާހަކަތަކެއް ހިމެނެއެވެ. އަދި އެމިލިއާ ޕެރޭޒްގައި އޭނާއާ އެކީގައި މަސައްކަތް ކޮށްފައިވާ ތަރި ސެލީނާ ގޮމޭޒް އާ ގުޅޭ ގޮތުން ވެސް ކާލާ ވަނީ ވަރަށް ހުތުރު ބަހުން ޓްވީޓުތަކެއް ކޮށްފައެވެ.