ޔޫފޯރިޔާ ޝޫޓިން އިތުރަށް ލަސްވުމަށްފަހު، އަލުން ފަށައިފި

އެތައް އަހަރެއް ވަންދެއް ވާނުވާއެއް ނޭނގި އޮތް އެޗްބީއޯގެ ޑްރާމާ ޝޯ "ޔޫފޯރިއާ"ގެ ޝޫޓިން އިތުރަށް ލަސްވުމަށް ފަހު އަލުން ފަށައިފިއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓީވީ ޝޯ ޔޫފޯރިއާގެ ދެވަނަ ސީޒަން ދައްކާފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅެވެ. އެއަށްފަހު ޝޯގެ ތިންވަނަ ސީޒަންގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅެވެ.

އެޗްބީއޯގެ ތާވަލުގައި އޮތް ގޮތުން ނަމަ މި އަހަރުގެ ތެރޭގައި ޝޯގެ އާ ސީޒަން ދައްކަން ފަށާނެއެވެ.

ނަމަވެސް ތަފާތު މައްސަލަތައް ޖެހި، މި ޝޯގެ ޝޫޓިން ލަސްވަމުން ގޮސް އަހަރުތަކެއް ވެއްޖެއެވެ. އެއާއެކު އެތައް ބަޔަކު ހީކޮށްގެން ތިބީ ޝޯ ކެންސަލު ކޮށްލާނެ ކަމަށެވެ. އަދި ޝޯ ކެންސަލް ކުރަން އުޅޭ ވާހަކަތަކެއް ވެސް ވަނީ ޕްރޮޑަކްޝަނުންނާއި ކާސްޓުންގެ ފަރާތުން އައިސްފައެވެ.

އެންމެފަހުން އަނެއްކާވެސް ޝޯގެ ޝޫޓިން ފަށަން އުޅޭ ވާހަކަ ދެކެވިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިދިޔަ މަހު ވާހަކަ ދެކެވުނު ގޮތުގައި ޝޯގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އެ މަހުގެ ތެރޭގައެވެ. ނަމަވެސް އެ ތާރީޚުވެސް ފަހަނަ އަޅައި ދިޔައިރު ޝޫޓިން ފެށިފައެއް ނުވެއެވެ.

އެންމެފަހުން ޝޯގެ ޝޫޓިން މިދިޔަ ހަފުތާގެ ތެރޭގައި ފަށައިފައިވާ ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ. ނަމަވެސް ޝޫޓިން އާ ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ޔޫފޯރިއާގެ އާ ސީޒަނަކަށް ތައްޔާރުވަމުން އަންނައިރު ޝޯގެ ލީޑް ކާސްޓުގައި ހިމެނޭ ބައެއް ތަރިން ވަނީ ޝޯ ދޫކޮށް ގޮސްފައެވެ. އޭގެ ތެރޭގައި ޖޭކަބް އިލޯޑީ އާއި ސްޓޯމް ރީޑް ފަދަ އެކްޓަރުން ހިމެނެއެވެ. ޝޯގެ ޕްރޮޑިއުސަރު އަދި މެއިން ލީޑް ޒެންޑެޔާ ޝޯއަށް އެނބުރި އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.

އެޗްބީއޯއިން 2019 ވަނަ އަހަރު ދައްކަން ފެށި ޔޫފޯރިއާ އަކީ ޒުވާން އުމުރަށް އަޅައިގެން އަންނަ ކުދިންތަކަކަށް ދިމާވާ އިޖުތިމާއީ ތަފާތު މައްސަލަތައް ދައްކުވައިދޭ ޝޯއެކެވެ. ޝޯގެ ފުރަތަމަ ސީޒަނަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު، ދެވަނަ ސީޒަން ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވިއެވެ.

މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ ކާސްޓަކާއެކު މި ޝޯގެ ލީޑުން ފެންނަ އެކްޓަރުންގެ ތެރޭގައި ޒެންޑެޔާގެ އިތުރުން ހަންޓާ ޝައިފާ އާއި ސިޑްނީ ސްވީނީ އަދި އެލެކްސާ ޑެމީ ހިމެނެއެވެ.

comment ކޮމެންޓް