މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އާދަޔާހިލާފަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވި ގޮތުގައި، ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާ ކުރިމަތިލުމަށް ކުދިންނަށް އެހީތެރިވުމުގައި މުދައްރިސުން މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން މުދައްރިސުންގެ އިލްމާއި، މަސައްކަތްތެރިކަމާއި، ކުދިންގެ ސިކުނޑިތަކަށް ކުރާ ދާއިމީ އަސަރު ފާހަގަކުރައްވައި، ގައުމުގެ މުސްތަގުބަލަށްޓަކައި އެ ފަރާތްތަކުން ވާ ގުރުބާނީއަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މުދައްރިސުންގެ މުހިންމު ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި މާހައުލު ކަށަވަރުކޮށްދިނުމަކީ އޮތް ޒިންމާއެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ސަރުކާރުގެ އަމާޒުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މުދައްރިސުންގެ މަސައްކަތުގެ މާހައުލު ރަނގަޅުކުރުމަށާއި، "އިންކްލޫސިވް އެޑިއުކޭޝަން" ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޓީޗަރުންތަކެއް: ޕީއެސްއެމްރައީސް ވިދާޅުވި ގޮތުގައި، މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގައުމާއި ކުދިން ކުރިއަރައިދިއުމުގެ ބިންގާ ވަރުގަދަކުރުމެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ މުދައްރިސުންނާއެކު ސާބިތުވެ ތިބުމަށާއި، އެ މީހުންގެ ޕްރޮފެޝަން ހިމާޔަތްކޮށް ދަރަޖަ ކުރިއެރުވުމުގެ މައްޗަށެވެ. މިއީ 1966 ވަނަ އަހަރު ޔުނެސްކޯއާއި އައިއެލްއޯ ގުޅިގެން މުދައްރިސުންގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމަށް އެކުލަވާލި މުއާހަދާއަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލުތަކުގައި މިހާރު ވެސް 11،000 އަށް ވުރެ ގިނަ މުދައްރިސުން އަންނަނީ ހިދުމަތްކުރަމުންނެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި މުދައްރިސުން ހިމެނޭއިރު، ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހިންނަށް ފުރުސަތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ އެންމެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލުވުމަށް އެހީތެރިވެދެވޭނެ ފަދަ ތައުލީމީ ނިޒާމެއް ބިނާކުރުމަށް ގޮވާލައްވާފައެވެ. އަދި މުދައްރިސުންގެ އަގުވަޒަންކޮށް، އެ ދާއިރާއަށް އިންވެސްޓުކުރުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ވެސް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.