ދުނިޔޭގެ އެންމެ މަޤްބޫލު ސާޗް އިންޖީނު ކަމުގައިވާ ގޫގުލް ސާޗަށް އައު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާއެއް ތަޢާރަފުކުރުމަށް އެ ކުންފުނިން އެތެރޭގައި ޓެސްޓުކުރަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
"އޭއައި މޯޑް"ގެ ނަމުގައި މި ފީޗާ އިތުރުކުރާކަމަށް ފުރަތަމަ ފަހަރަށް ޑިސެމްބަރު 2024ގައި އަޑުއިވުނެވެ. ޔޫޒަރުންނަށް މި ފީޗާ މެދުވެރިކޮށް ފުލް ސްކްރީން އިންޓަފޭސްއެއް ހުޅުވި، އެ އިންޓަފޭސް މެދުވެރިކޮށް ޔޫޒަރުން ބޭނުންވާ ތަފާތު ސުވާލުތައް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި އޭއައި އިން ޖަވާބު ދޭނީ ވާހަކަދައްކާ އުސްލޫބަކުން ކަމަށާއި، އިތުރަށް މައުލޫމާތު ހޯދަން ބޭނުންވާ ނަމަ ޔޫއާރްއެލްތައް ވެސް ދައްކާނެ ކަމަށް ބުނެފައިވެއެވެ.
އެންޑްރޮއިޑްގެ އަޕްޑޭޓް މައުލޫމާތުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓް 9ޓު5ގޫގުލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގޫގުލްގެ މައި އޮފީހުން މިހާރު ވަނީ މުވައްޒަފުންނަށް މި ފީޗާ ބޭނުންކޮށް ޓެސްޓުކުރުމަށް ދަޢުވަތު ދީފައެވެ.
މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައި ބުނެފައިވާ ގޮތުން، އޭއައި މޯޑަކީ "ސާޗް އިންޖީނުން އިންޓެލިޖެންޓްކޮށް ދިރާސާކޮށްދޭ، މައުލޫމާތު ފަސޭހައިން ދޭހަވާ ގޮތަށް ތަރުތީބުކޮށް، ވެބްގައި ހުރި މައުލޫމާތު އިތުރަށް ބެލުމަށް ލިންކުތައް ދައްކައިދޭ" އެއްޗެކެވެ.
މި އޭއައި މޯޑް ހިންގަނީ ޖެމިނައި 2.0ގެ ޚާއްސަ ވާޝަނަކުން ކަމަށާއި، މި ވާޝަނަށް "އެޑްވާންސްޑް ރީޒަނިން އަދި ތިންކިން ކެޕަބިލިޓީސް" ލިބިފައިވާ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
މި ފީޗާ ތަޢާރަފުކުރުމުގެ ސަބަބުން ގޫގުލްގެ ސާޗް އިންޖީނު އިތުރަށް ވަރުގަދަވެ، ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި ފީޗާ ރަސްމީކޮށް ތަޢާރަފުކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.