ގޫގުލް ޓީވީ ސްޓްރީމާއަށް އާ ރިމޯޓެއް ތައާރަފުކުރަނީ

ގޫގުލްގެ ޓީވީ ސްޓްރީމަރ (4ކޭ)ގެ މަޤުބޫލުކަން ދަނީ އިތުރުވަމުން -- ފޮޓޯ: ގޫގުލް

ގޫގުލްގެ ޓީވީ ސްޓްރީމާ (4ކޭ)އަށް އައު ރިމޯޓް ކޮންޓްރޯލެއް ނެރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

މި ރިމޯޓުގެ އެންމެ ޚާއްޞަ އެއްކަމަކީ ބަޓަންތައް އަލިކުރެވޭގޮތަށް ހުރުމެވެ.

އޭއެފްޓީވީ ނިއުސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގޫގުލް ޓީވީ ސްޓްރީމާގެ އެންމެ ފަހުގެ އަޕްޑޭޓްގައި މިފަދަ ރިމޯޓަކާ ގުޅޭ ކޯޑުތަކެއް ހިމެނިފައިވެއެވެ. މި ރިމޯޓްގެ އަލި ކޮންޓްރޯލް ކުރެވޭނެ ތިން ގޮތެއް ހުންނާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

• "ނެވާ" މޯޑްގައި ބަޓަންތަކުގެ އަލި ނުދިއްލޭނެއެވެ.
• "ސްޓޭންޑަޑް" މޯޑްގައި ބަޓަންއަކަށް ފިތާލުމުން ފަސް ސިކުންތު ވަންދެން އަލިވާނެއެވެ.
• "ޝެޑިއުލްޑް" މޯޑްގައި ވަކި ގަޑިތަކެއްގައި (މިސާލަކަށް ހަވީރު ހަޔަކުން އިން ހެނދުނު ހަޔަކަށް) އަލިވާގޮތަށް ސެޓްކުރެވޭނެއެވެ.

މިހާރު މާކެޓްގައި ވިއްކަމުންދާ 99.99 ޑޮލަރުގެ ގޫގުލް ޓީވީ ސްޓްރީމާ (4ކޭ) އަކީ 4ކޭ އެޗްޑީއާރް ވީޑިއޯ ސަޕޯޓްކުރާ، ޑޮލްބީ ވިޝަން އަދި އެޗްޑީއާރް 10+ ފޯމެޓްތަކާއި ޑޮލްބީ އެޓްމޮސް އޯޑިއޯ ސަޕޯޓްކުރާ ޑިވައިސްއެކެވެ.

މީގެ އިތުރުން މި ޑިވައިސްގައި ގޫގުލްގެ ޖެމިނައި އޭއައި ބޭނުންކޮށްގެން ކޮންޓެންޓް ސަމަރައިޒްކޮށް، ރިވިއުތައް ދައްކައި، ސީޒަންތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ގޫގުލް ޓީވީ ސްޓްރީމާއަކީ އާންމު ޓީވީއެއް، ސްމާޓް ޓީވީއަކަށް ބަދަލުކޮށްދޭ ޑިވައިސްއެކެވެ. މި ޑިވައިސް ޓީވީގެ އެޗްޑީއެމްއައި ޕޯޓަށް ގުޅާލުމަށްފަހު އިންޓަނެޓަށް ގުޅައިލުމުން، ނެޓްފްލިކްސް، ޔޫޓިއުބް، އަދި އެޕަލް ޓީވީ+ ފަދަ ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރެވޭނެއެވެ. މި ޚިދުމަތްތައް މެދުވެރިކޮށް 700,000އަށްވުރެ ގިނަ ފިލްމާއި ޓީވީ ޝޯ ބެލުމުގެ ފުރުސަތު ލިބިގެންދެއެވެ.

ގޫގުލް ޓީވީ ސްޓްރީމާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚާއްސަކަމަކީ މަތީ ފެންވަރުގެ 4ކޭ ރެޒޮލިއުޝަންގައި ވީޑިއޯ ދެއްކުމުގެ ޤާބިލުކަމެވެ. މިއީ އާންމު އެޗްޑީ ރެޒޮލިއުޝަންއަށްވުރެ ހަތަރުގުނަ ސާފު ފެންވަރެކެވެ. މީގެ އިތުރުން ޑޮލްބީ ވިޝަން އަދި ޑޮލްބީ އެޓްމޮސް ފަދަ މަތީ ފެންވަރުގެ ވީޑިއޯ އަދި އޯޑިއޯ ފޯމެޓްތައް ސަޕޯޓްކުރުމުގެ ސަބަބުން، ކޮންޓެންޓް އެންމެ ފުރިހަމަ ގޮތުގައި ބެލުމުގެ ތަޖުރިބާ ލިބިގެންދެއެވެ.

ހަލުވި އަދި އަވަސް މަސައްކަތްތަކަށް މި ޑިވައިސްގައި ހަތަރު ގީގަބައިޓްގެ ރޭމް އަދި 32 ގީގަބައިޓްގެ ސްޓޯރޭޖް ހިމެނިފައިވެއެވެ. އިންޓަނެޓާ ގުޅުމަށް ޒަމާނީ ވައިފައި ފަހެއް ޓެކްނޮލޮޖީ ބޭނުންކުރެވޭއިރު، ވައިފައިގެ ބަދަލުގައި ކޭބަލް އިންޓަނެޓް ބޭނުންކުރުމަށް އީތަނެޓް ޕޯޓެއް ވެސް ހިމެނިފައިވެއެވެ. އަދި ބްލޫޓޫތު 5.1 ޓެކްނޮލޮޖީ ހިމެނިފައިވުމުން ވައިފައި ހެޑްފޯނާއި ސްޕީކާ ފަދަ ތަކެތި ފަސޭހައިން ގުޅައިލެވޭނެއެވެ.

comment ކޮމެންޓް