ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ އުންމީދީ، ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަޝްރޫއު، ދިމާވި ގިނަ ދަތިތަކަށް ފަހުގައި މިހާރު ކުރިއަށްދާ ކަމަށެވެ.
ދިމާވި ތަފާތު ދަތިތަކާ އެކުވެސް، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކުން ނިންމައި، 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި މަގުހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އުންމީދަކީ ރަސްމާލެ ހިއްކުން މި އަހަރުގެ ނިޔަލަށް ނިންމައި އަންނަ އަހަރު އަސާސީ ޚިދުމަތްތައް ގާއިމްކުރުން ކަމަށެވެ.
މިދިޔަ މަހުގެ ފަސްވަަނަ ދުވަހުކ. ގުޅިއަށް ވަޑައިގެން އެމަނިކުފާނު ވަނީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރު ގެނެސްގެން އެ މަސައްކަތް ހަލުވި ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ.
އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެކުގައެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެއެވެ.
ސަރުކާރުން ބޭނުންވީ ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާށެވެ. ފަހުން އެ މަސައްކަތް ހަވާލުކުރީ އިންޑިއާ އަދި ޗައިނާގެ ކުންފުނިތަކަކަށެވެ. އޭގެ ފަހުން މިދިޔަ ނޮވެންބަރުގައި އަނެއްކާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއެވެ.
ރަސްމާލެ މަޝްރޫއަށް މި އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން އޮތީ ޕްލޭންކޮށްފައެވެ. އަދި 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރާވާފައިވެއެވެ.
މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ. އެއީ އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް، އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް ބުނެއެވެ.