އިތުރު ޑްރެޖަރު ގެނެސްގެން ރަސްމާލެ ހިއްކުން ދެގުނަ އަވަސްކުރަނީ

2023ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުށިދިއްގަރު ފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރު ގެނެސް، އެ މަސައްކަތުގެ ދުވެލި ހަލުވި ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ކ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅީ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތަށް އިތުރު ކުންފުނިތަކުން ޑްރެޖަރު ގެންނާނެ ކަމަށެވެ. އަދި އެއާއެކު އެ މަސައްކަތް ދެގުނަ ތިންގުނަ ހަލުވިވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ތެރޭގައި ސަރުކާރުން ބޭނުންވި ސްޕީޑުގައި އެ މަސައްކަތް ކުރިޔަކަށް ނުދިޔައެވެ. އެއީ އިގުތިސާދުގެ ތެރެއިން ވާރުތަވީ ދަރަންޏާއި ދަތިކަމުގެ ސަބަބުން ކަމަށާއި، އެހެން ނަމަވެސް އެ ދަތިތަކުން އަރައިގަނެ، މިހާރު އަނެއްކާ ވެސް މި އޮތީ މަސައްކަތް ފަށައިގަނެވޭ ހިސާބުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"...އިރާދަކުރެއްވިއްޔާ އަދި އިތުރު ބައެއް ފަރާތްތަކުން އެ ތަނަށް ޑްރެޖަރު މޮބިލައިޒް ކުރުވައިގެން އެއްފަހަރާ އެތައް މަޝްރޫއުތަކެއް ފެށުމަށް މަސައްކަތް މި ކުރަނީ. އެހެންވީމާ ސްޕީޑު ދެގުނަ އަދި ތިންގުނައަށް ބާރުވާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

ރަސްމާލެއަކީ މި ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

ރަސްމާލެ ހިއްކަން 2023ގެ ޑިސެމްބަރު 18 ގައި ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ.

އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެކުގައެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެއެވެ.

ސަރުކާރުން ބޭނުންވީ ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާށެވެ. ފަހުން އެ މަސައްކަތް ހަވާލުކުރީ އިންޑިއާ އަދި ޗައިނާގެ ކުންފުނިތަކަކަށެވެ.

https://sun.mv/198953

އޭގެ ފަހުން މިދިޔަ ނޮވެންބަރުގައި އަނެއްކާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއެވެ.

ރަސްމާލެ މަޝްރޫއަށް މިއަހަރު އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން އޮތީ ޕްލޭންކޮށްފައެވެ. އަދި 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރާވާފައިވެއެވެ.

މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ. އެއީ އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް، އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް ބުނެއެވެ.

comment ކޮމެންޓް