ޑިޖިޓަލައިޒޭޝަންއާ އެކު ކޮރަޕްޝަން ނައްތާލަން ފަސޭހަވާނެ: ރައީސް

ރައީސް މުއިއްޒު --- ފޮޓޯ/ ރައީސް އޮފީސް

ކޮރަޕްޝަން ނައްތާލަން ފަސޭހަކުރުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގައި ޑިޖިޓަލައިޒޭޝަންގެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ގައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު، އައިސީޓީ ދާއިރާގެ ހިއްސާ 15 އިންސައްތައަށް މަތިކުރައްވާނެ ކަމަށާއި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހީންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށެވެ.

އައިސީޓީގެ ދާއިރާއަށް 'އިންގިލާބީ' ބަދަލެއް ގެނައުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާކަން ހާމަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ހަފްތާގެ ވަޒީރުންގެ މަޖިލީހުގައި އެ ކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

ރައީސް ރިޔާސީ އިއްވަވަނީ ---- ފޮޓޯ/ މަޖިލީސް

އޭގެ ތެރޭގައި ސަރުކާރުގެ ޓެކްނޮލޮޖީ ގަވަނަންސް ހަރުދަނާކުރުން، ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފުކުރުން. ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް ބިނާކުރުން. ސައިބާ ސެކިއުރިޓީ ހަރުދަނާ ކުރުން ފަދަ އެތައް ކަމެއް ހިމެނޭ، ރައީސް ޑރ. މުހައްމަދު މުއިއްޒު

މި އަހަރު އެސްޓޯނިއާއަށް ކުރެއްވި ދަތުރަކީ ވެސް މި މަސައްކަތަށް މަގުކޮށުމަށް ކުރެއްވި ދަތުރުފުޅެއް ކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ޑިޖިޓަލް އައިޑީއެއްގެ ގޮތުގައި އީފާސް ތަރައްގީކޮށްފައި ވިޔަސް ބައިނަލްއަގުވާމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކާ ހަމަކުރެވޭ މިންވަރަކަށް ޑިޖިޓަލް އައިޑީ ތަރައްގީކޮށް، އީފާސްގެ އާކިޓެކްޗާ ހަރުދަނާ ކުރެވިފައިނުވާ ކަމަށެވެ.

އެހެންވެ، މި ދާއިރާ ބައިނަލްއަގުވާމީ ދާއިރާތަަކަށް ފެތޭ ގޮތަށް ކުރިއަރުވަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ވަޒީރުންނާއި މެޑަމް ސާޖިދާގެ އިތުރުން ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ މަޖިލީސް

އެގޮތުން، އޯޕަން ޑާޓާ ޝެއަރިން ޕްލެޓްފޯމް ތަރައްގީކޮށް، ޑިޖިޓަލް އައިޑެންޓިޓޯގެ ޒަރިއްޔާއިން ޚިދުމަތް ފޯރުކޮށްދޭނެ އެޕްލިކޭޝަންތަކުން ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތަށް މުޅި ސިސްޓަމް ބައްޓަން ކުރަން ވަނީ ޖެހިފައި. 21 ވަނަ ގަރުނުގައި ދިވެހިރާއްޖެއަށް މި ޒަމާނީ ބޮޑު ޑިޖިޓަލް އިންގިލާބީ ބަދަލު ގެންނަން އަޅުގަނޑު ބޭނުން

މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ، ކޮރަޕްޝަން ނައްތާލަން ފަސޭހަވުމާއި ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް މީހުންނަށް ފެންނަން ފަށާނެކަން ފާހަގަކުރެއްވިއެވެ.

އޭރުން ވަކި ސިސްޓަމެއްގެ ތެރެއިން ކަންކަމުގެ ސްޓޭޓަސް ބަލާލެވޭނެ ކަމަށާއި އަމިއްލަ ރިކޯޑްސްއަށް ބަދަލެއް ގެނައި ކަމަށްވިޔަސް ވަގުތުން ބަލާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގައި ކުރިއަރާފައިވާ މިފަދަ ޒަމާނީ ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން ބޭނުންވާ ކަމަށާއި އަޒުމަކީ ރައްޔިތުންނާއި އިދާރާތަކުގެ އެހީތެރިކަމާއެއްކޮށް ހަތަރު އަހަރު ތެރޭ މި މަޝްރޫއު ތަންފީޒުކުރަން ފެށުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް