ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ކުރީގެ އައިފޯންތައް ވީ އެންމެ އަވަހަކަށް އަޕްޑޭޓްކުރުމަށް އެޕަލްއިން އަންގައިފިއެވެ.
އެޕަލް ކުންފުނިން ބުނާ ގޮތުގައި، ކުރީގެ އައިއޯއެސް ވާޝަންތައް ބޭނުންކުރާ އައިފޯންތަކަށް އަމާޒުކޮށްގެން ވެބްސައިޓްތައް މެދުވެރިކޮށް ނުރައްކާތެރި ހަމަލާތަކެއް ދަނީ ދެމުންނެވެ. އެހެންކަމުން، މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ކުރީގެ އައިފޯންތައް ގެންގުޅޭ ފަރާތްތަކުން ވީހާ ވެސް އަވަހަކަށް ފޯނުގެ ސޮފްޓްވެއާ އަޕްޑޭޓް ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހަމަލާތަކުގެ ސަބަބުން، ނުރައްކާތެރި ލިންކަކަށް ފިތާލެވިއްޖެނަމަ ނުވަތަ އެފަދަ ވެބްސައިޓަކަށް ވަދެވިއްޖެނަމަ، ފޯނުގައިވާ މައުލޫމާތުތައް ވަގަށް ނެގުމުގެ ނުވަތަ ގެއްލުންވުމުގެ ފުރުސަތު އޮންނާނެކަމަށް އެޕަލްއިން ބުނެއެވެ. މި މައްސަލަ ތަހުގީގުކުރުމަށްފަހު، އެޕަލްއިން ވަނީ މިކަން ހައްލުކުރުމަށް ބޭނުންވާ ސޮފްޓްވެއާ އަޕްޑޭޓްތައް މިހާރު ނެރެފައެވެ.
އެންމެ ފަހުގެ އައިއޯއެސް ސަޕޯޓް ނުކުރާ ކުރީގެ ފޯނުތަކަށް އަމާޒުކޮށް އެޕަލްއިން ވަނީ އައިއޯއެސް 15 އަދި 16ގެ ސެކިއުރިޓީ އަޕްޑޭޓްތަކެއް ނެރެފައެވެ. މީގެ ތެރޭގައި އައިފޯން 8، އައިފޯން 8 ޕްލަސް އަދި އައިފޯން އެކްސް އަށް ޚާއްސަ އައިއޯއެސް 16.7.15 ހިމެނެއެވެ. އަދި އައިފޯން 6އެސް ސީރީޒް، އައިފޯން 7 ސީރީޒް އަދި ފުރަތަމަ ޖީލުގެ އައިފޯން އެސްއީ އަށް ޚާއްސަ އައިއޯއެސް 15.8.7 ހިމެނެއެވެ.

ފޯނުގެ "ލޮކްޑައުން މޯޑް" އޮން ކޮށްފަ އަބަދުވެސް ބެހެއްޓުމަށް އެޕަލްއިން އިލްތިމާސްކުރޭ ----
މީގެ އިތުރުން، އަދިވެސް އައިއޯއެސް 13 ނުވަތަ 14 ގައި ހުރި ފޯނުތައް ބޭނުންކުރާ ފަރާތްތަކުން، މި ރައްކާތެރިކަން ހޯދުމަށްޓަކައި އައިއޯއެސް 15 އަށް އަޕްޑޭޓް ކުރަން މަޖުބޫރުވާނެކަމަށް އެޕަލްއިން އަންގައެވެ. އަދި މި ފޯނުތަކަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި "ކްރިޓިކަލް ސެކިއުރިޓީ އަޕްޑޭޓް" އެއް އިންސްޓޯލް ކުރުމަށް ޚާއްސަ އެލާޓެއް ލިބޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ފޯނުގެ "ލޮކްޑައުން މޯޑް" އޮން ކޮށްފައިވާނަމަ، ފޯނު އަޕްޑޭޓް ނުކުރިޔަސް މިފަދަ ޚާއްސަ ހަމަލާތަކުން ރައްކާތެރިކޮށްދޭނެކަމަށް އެޕަލްއިން ބުނެއެވެ. އަދި ސަފާރީ ބްރައުޒާގެ "އެޕަލް ސޭފް ބްރައުޒިން" މެދުވެރިކޮށްވެސް ނުރައްކާތެރި ވެބްސައިޓްތައް އަމިއްލައަށް ބްލޮކްކޮށްދޭނެއެވެ. ނަމަވެސް، އެންމެ ރައްކާތެރި ގޮތަކީ ވީހާވެސް އަވަހަކަށް ފޯނު އަޕްޑޭޓް ކުރުން ކަމުގައި އެޕަލްއިން ލަފާދެއެވެ.
އެންމެ ފަހުގެ އާ އެޕަލް ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކަށް، ފުލް އޯއެސް އަޕްޑޭޓަކާ ނުލައި، އަވަހަށް އަދި ފަސޭހަކަމާއެކު ސެކިއުރިޓީ މައްސަލަތައް ހައްލުކުރުމަށްޓަކައި "ބެކްގްރައުންޑް ސެކިއުރިޓީ އިމްޕްރޫވްމަންޓްސް" ގެ ނަމުގައި އާ ނިޒާމެއްވެސް އެޕަލްއިން ވަނީ ތައާރަފްކޮށްފައެވެ.