ސަލްމާން އާއި ސަންޖޭ އެކްޝަން ފިލްމަކަށް ތައްޔާރުވަނީ

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ސަންޖޭ ދަތު އަދި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ކުރިންވެސް އެކީގައި ފިލްމުތައް ކުޅެފައިވާ ބޮލީވުޑްގެ ތަޖުރިބާކާރު ދެ އެކްޓަރުން ކަމަށްވާ ސަލްމާން އާއި ސަންޖޭ ދަތު ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަލްމާން ޚާންގެ ގާތް ފަރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ "ގަންގާ ރާމް"ގެ ނަމުގައި އުފައްދަން ނިންމާފައިވާ މި ފިލްމަކީ ސަލްމާން ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ސަލްމާން ޚާން ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ.

ޒަމާންތަކަކަށްފަހު ސަލްމާން ޚާންއާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބޭތީ އެކްޓަރު ސަންޖޭ ދަތު ވެސް ހުރީ ވަރަށް އުފަލުން ކަމަށާއި މިއީ ބެލުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސަލްމާން ޚާން އާއި ސަންޖޭ ފިލްމު "ޗަލް މެރެ ބާއީ"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ

ފިލްމު "ގަންގާ ރާމް"ގައި ސަންޖޭ އާއި ސަލްމާން ފެންނާނީ ކޮންކަހަލަ ރޯލަކުން ކަމެއް އަދި ނޭނގެއެވެ. މި ފިލްމު ޑައިރެކްޓް ކުރުމުގެ ޒިންމާ ސަލްމާންގެ ކުންފުނިން ހަވާލުކޮށްފައި ވަނީ ފަސް އަހަރު ވަންދެން ސަލްމާންގެ ޕްރޮޑަކްޝަން ހައުސްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްރިޝް އަހީރުއާއެވެ.

މި ފިލްމުގެ މަސައްކަތް މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު ފެށުމަށް ސަލްމާންގެ ފިލްމުގެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ސަލްމާން އާއި ސަންޖޭ އެކީގައި މަސައްކަތްކުރި މަގުބޫލު ފިލްމުތަކުގެތެރޭ ފިލްމު "ސާޖަން" އާއި "ޗަލް މެރެ ބާއީ" ހިމެނެއެވެ. ސަލްމާން އާއި ސަންޖޭ އެކީގައި އެކްޝަން ފިލްމަކަށް ތައްޔާރުވަމުން އަންނައިރު ދެ ތަރިންގެ ހާއްސަ މަންޒަރުތަކެއް ހިމެނޭ އިންޓަނޭޝަނަލް ފިލްމެއްގެ މަސައްކަތް ވެސް އެކީގައި ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާތަކަށް ވަރަށް ސިއްރުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި އިންޓަނޭޝަނަލް ޕްރޮޖެކްޓަކީ 2021ވަނަ އަހަރު ރިލީޒްކުރި އާޖެންޓީނާ ފިލްމު "ސެވެން ޑޯގްސް"ގެ ރިމޭކްއެކެވެ.

comment ކޮމެންޓް