ހުއްދަނެތި ފިލްމުތައް ސްޓްރީމްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެދެފި

ލީކުކޮށްލި ސަލްމާންގެ ފިލްމު "ސިކަންދަރު"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގައި އުފައްދާ ފިލްމުތައް ގަވައިދާ ޚިލާފަށް ސްޓްރީމްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދަ އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަން (އިމްޕާ)އިން ގޮވާލައިފިއެވެ.

އިމްޕާއިން މިކަމަށް ގޮވާލާ ހާއްސަ ބަޔާނެއް ވެސް ނެރެފައި މި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ރިލީޒްކުރި ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" އެ ފިލްމު ރިލީޒްކުރުމުގެ ގަޑިއިރުތަކެއް ކުރިން އޮންލައިންކޮށް ލީކުކޮށްލުމާ ގުޅިގެންނެވެ.

އޭއާރް މުރުގަދޯސް ޑައިރެކްޓްކޮށް ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ "ސިކަންދަރު" އޮންލައިންކޮށް ލީކުކޮށްލުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރަށާއި ޑައިރެކްޓަކަށް މާލީގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އިމްޕާއިން ވަނީ ބުނެފައެވެ.

މިއީ މިފަހަކަށް އައިސް ވަރަށް އާއްމުކޮށް ބަޔަކު ހިންގާ ޖަރީމާއެއް ކަމަށާއި އެންޓަޓެއިންމަންޓް ސެކްޓާއިން މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނެގުމަށް އިމްޕާގެ މެމްބަރުން ވަނީ ގޮވާލާފައެވެ.

މިކަމުގެ ސަބަބުން ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އިތުރުން ފިލްމު ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށާއި ފިލްމު ތިއޭޓަރުތައް ހިންގާ ފަރާތްތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސަލްމާންގެ ފިލްމު "ސިކަންދަރު"ގެ މަންޒަރެއްގައި އެކްޓަރު ބަތަލާ ރަޝްމިކާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމުތައް ލީކުކޮށްލުމަށްފަހު އޮންލައިންކޮށް ސްޓްރީމްކުރާ ޕްލެޓްފޯމްތައް ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އިޝްތިހާރު ކުރަމުން އަންނަކަން ފާހަގަކޮށް އެއީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އިމްޕާއިން ވަނީ ފާހަގަކޮށްފައެވެ.

ފިލްމުތައް އޮންލައިންކޮށް ލީކުކޮށް ހުއްދަނެތި އެ ފިލްމުތައް ސްޓްރީމްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އިމްޕާއިން ވަނީ ސެންޓްރަލް އަދި ސްޓޭޓް ގަވަމެންޓް އަށާއި އިންޑިއާގެ ފުލުހުންނަށާއި ސައިބަ ކްރައިމް އެޖެންސީތަކަށް ގޮވާލާފައެވެ.

ހަމައެއާއެކު އެފަދަ ފަރާތްތައް ރިޕޯޓު ކުރުމަށް ބެލުންތެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އިމްޕާއިން ނެރުނު ސްޓޭޓްމަންޓްގައި ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ފިލްމު "ސިކަންދަރު" ލީކުކޮށްފައިވާ ކަމަށް ބެލެވެނީ ތިއޭޓަރު ތަކުގައި ހުރި ކެމްކޯޑާ ރެކޯޑިންގް މެދުވެރިކޮށް އެޗްޑީ ކޮލިޓީގައެވެ.

comment ކޮމެންޓް