ބޮލީވުޑްގެ ތިން ފިލްމަކުން މީގެކުރިން ފެނިފައިވާ ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ އާ ބޮލީވުޑް ފިލްމު "އަބީރު ގުލާލް"ގެ ޓީޒާއާ އެކު ފިލްމު އަންނަ މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ.
ޕާކިސްތާނުގެ އިތުރުން އިންޑިއާގެ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު އެކްޓަރު ދުވަސްތަކަކަށް ފަހު ކުޅޭ ބޮލީވުޑްގެ މި ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.
މިދިޔަ އަންގާރަ ދުވަހު ބަތަލާ ވާނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ފިލްމުގެ ޓީޒާގައި ފަވާދު ފެންނަނީ ހިންދީ ސިނަމާގެ ހިތްގައިމު ލޯބީގެ ފިލްމު ކަމަށްވާ "1942: އަ ލަވް ސްޓޯރީ"ގެ ލަވަ 'ކުޗް ނާ ކަހޯ' ކިޔައިދޭ މަންޒަރެވެ.
ފިލްމު "އަބީރު ގުލާލް"ގެ ޓީޒާއާ އެކު މި ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށް ފަވާދުގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

ފިލްމު "އަބީރު ގުލާލް"ގެޓީޒާގެ މަންޒަރެއްގައި ފަވާދާއި ވާނީ ކަޕޫރު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ހަމައެއާއެކު ފަވާދު ޚާންއަށް އެނބުރި އިންޑިއާއަށް އާދެވި އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވުނު ކަމީ ލިބުނެ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ވެސް އެކްޓަރުގެ ގިނަ ސަޕޯޓަރުން ވަނީ ފާހަގަކޮށްފައެވެ.
ޕާކިސްތާނު އެކްޓަރު ފަވާދު ޚާންއާ އެކު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އައި ޕާކިސްތާނުގެ ގިނަ ފަންނާނުންނަށް އިންޑިއާއަށް އެރުން މަނާކޮށް ފިލްމީ ދާއިރާގައި މަސައްކަތް ކުރުން މަނާ ކުރީ 2016 ވަނަ އަހަރު ދެ ޤައުމުގެ ސިޔާސީ މަސްލަހަތު ގޯސްވުމާ ގުޅިގެންނެވެ.
ނަމަވެސް 2023ވަނަ އަހަރު އިންޑިއާގެ ބޮމްބޭ ހައިކޯޓުން އެ ނިންމުން ބާތިލުކޮށް އަލުން ޕާކިސްތާނު ފިލްމީ ތަރިންނަށް އެ ޤައުމުގައި މަސައްކަތް ކުރެވޭނެކަން ވަނީ އިއުލާނުކޮށްފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ޝޫޓިންގް ކުރިއަށް ގެންދިޔަ ފަވާދުގެ ފިލްމު "އަބީރު ގުލާލް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.