ވީކެންޑްގެ ފަހު އަލްބަމަށް ފިލްމެއް ނެރެނީ

މިހާރު ދުނިޔޭގައި ހުރި އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ ކަމަށްވާ އޭބެލް ތެސަފެޔާ ނުވަތަ ސްޓޭޖް ނަމުން ނަމަ "ދަ ވީކެންޑް"ގެ އެންމެ ފަހުގެ އަލްބަމް "ހަރީ އަޕް ޓުމޯރޯ" އާ ގުޅުވައިގެން ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ދަ ވީކެންޑް އަކީ މިހާރު އެންމެ ގިނަ ބަޔަކު އެ އާޓިސްޓެއްގެ އަޑު އަހަމުން އަންނަ އެއް އާޓިސްޓެވެ. އޭނާގެ މަގުބޫލު ކަމުގެ ބޮޑު ކަމުން ގިނެސް ވޯލްޑް ރެކޯޑް ފޮތުން ވެސް ވަނީ މަގާމެއް ހޯދައިފައެވެ. އެގޮތުން އެންމެ ގިނަ މީހުން ލަވަ އަޑު އެހުމަށް ގެންގުޅޭ ޕްލެޓްފޯމް ކަމަށްވާ ސްޕޮޓިފައިގެ އެންމެ ގިނަ ބަޔަކު އަޑު އަހައި އާޓިސްޓުގެ މަގާމާއެކު އޭނާ ވަނީ ރެކޯޑެއް ގާއިމުކޮށްފައެވެ.

މީގެ އަހަރެއް ކުރީން ގާއިމުކުރި އެ ރެކޯޑްވަނީ މުގުރާލާފައެވެ. މިވަގުތު އެ ރެކޯޑު އޮތީ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރޫނޯ މާސް އަތުގައެވެ.

ވީކެންޑް އެންމެ ފަހުން ނެރެފައިވާ އަލްބަމަކީ އޭނާ ވީކެންޑްގެ ގޮތުގައި ނެރޭނެ އެންމެ ފަހު އަލްބަމެވެ. ވީކެންޑް އަކީ އޭނާ އުފައްދާފައިވާ ކެރެކްޓަރެކެވެ. އަދި މި އަލްބަމް އާއެކު ކެރެކްޓަރުގެ ނިމުން އަންނަނީ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އަލްބަމްއަށް ފަހު ވީކެންޑް މިހާރު ރެޑީ ވަނީ އޭނާގެ އަލްބަމާ ގުޅޭ ފިލްމެއް ނެރުމަށެވެ. ހަރީ އަޕް ޓުމޯރޯގެ ނަމުގައި ފިލްމެއް ހަމަޖެހިފައިވާއިރު ފިލްމުގެ ފުރަތަމަ ޓްރެއިލަރު ވަނީ އާންމުކޮށްފައެވެ.

އެޑްވާޑް ޝޫލްޓްސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ ފިލްމެކެވެ. ފިލްމުގައި ވީކެންޑްގެ އަލްބަމްގެ ހުރިހާ ލަވައެއް ހިމަނާއިރު ފިލްމުގައި އޭނާގެ އިތުރުން ދެން ފެންނާނީ ޖެނާ އޯޓޭގާ އާއި ބެރީ ކޯހެން އެވެ.

މި ފިލްމުގައި އަލި އަޅުވާލާނީ މިއުޒީޝަނެއްގެ ދިރިއުޅުމަށެވެ. އިންސޮމްނިއާ ހުރި މި މިއުޒީޝަނުގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަނީ އޭނާގެ ދިރިއުޅުމަށް އަންހެނެއް އަންނަ ހިސާބުންނެވެ. ފިލްމު ބިނާކޮށްފައި ވަނީ މި ވާހަކައަށެވެ.

ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 16 ގައެވެ.

comment ކޮމެންޓް