ތިލަފުށީގައި ގާއިމް ކުރަނީ ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކުރާ ފެސިލިޓީއެއް: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ތިލަފުށީގައި ހެދިފައިވާ ކުނި ފަރުބަދަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެދުރާއްޖެތެރޭގެ ސަރަހައްދީ ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ދަށުން، ކ. ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކުރާނެ މައި ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ މި ފެސިލިޓީގެ ސިވިލް ކޮންސްޓްރަކްޝަން މަސައްކަތުގެ 40 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މި ފެސިލިޓީއަކީ ކުނިން ހަކަތަ އުފައްދާ ގޮތަށް ޑިޒައިންކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވައި މުރުތަޟާ ވިދާޅުވި ގޮތުގައި އެ ފެސިލީޓިން ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށްގެން 13 މެގަވޮޓްގެ ކަރަންޓް އުފައްދާނެއެވެ. މީގެ ތެރެއިން 10 މެގަވޮޓްގެ ކަރަންޓް ގްރިޑަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ފެސިލިޓީގައި ގާއިމްކުރާ އެމިޝަން ކޮންޓްރޯލް ނިޒާމަކީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މެދު ރާއްޖެ ސަރަހައްދީ ކުނި މެނޭޖުކުރަން ފެސިލިޓީ މި ގާއިމް ކުރަނީ ކ. އަތޮޅު ތިލަފުސީގަ. މިހާރު އަޅުގަނޑުމެން އޭނދީ ކުރީގައި އެއްވެސް ނިޒާމެއް ނެތި މޫދަށާއި ތަންތަނަށް ކުނި އަޅަމުންދިޔަ ތަނެއް. އެހެން ނަމަވެސް އެތަން މިހާރު އެހެނީ ޒަމާނީ ފެންވަރަށް ތަރައްދީކޮށް ފެސިލިޓީއެއް ގާއިމްކޮށް ހަވާލުކޮށްފަ." މުރުތަޟާ ވިދާޅުވިއެވެ.

https://sun.mv/224320

މީގެ އިތުރުން، ކުނި އެންދުމުން އުފެދޭ ބޮޓޮމް އޭޝް، ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ބޭނުންކުރެވޭނެހެން ޓްރީޓްކޮށް ބާޒާރަށް ނެރެވޭނެކަމަށާއި މި މަސައްކަތަށް ބޭނުންވާ އިންސިނެރޭޓަރު މިހާރު ވަނީ ރާއްޖެ ގެނެސް ތިލަފުށްޓަށް ގެންގޮސްފައިަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކުނީގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން މުރުތަޟާ ވިދާޅުވީ، ރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފައްދާ ކަމަށެވެ. މީގެ ތެރެއިން އެންމެ ގިނަ ކުނި އުފައްދަނީ ފަތުރުވެރިކަމުގެ ދާއިރާއިންކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ތިލަފުށީގައި ގާއިމްކުރާ މި މަރުކަޒު މެދުވެރިކޮށް ގްރޭޓަ މާލޭ ސަރަހައްދުގެ އިތުރުން، ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގައި ހުރި ރަށްތަކުގެ ކުނި މެނޭޖްކުރެވޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

މި ހުރިހާ މަޝްރޫއުތަކެއް ނިމުމުން ރާއްޖޭގައި ވަށާޖެހޭ ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

comment ކޮމެންޓް