މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ޅ. ނައިފަރުގެ ގޮނޑުދޮށް ސާފުކޮށް، ގިނަ އަދަދެއްގެ ކުނި އެތަނުން ނަގައިފިއެވެ.
އެމްއައިބީން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ނައިފަރުގެ ރައްޔިތުންނާއި އެކި އިދާރާތައް ގުޅިގެން ހިންގި މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން، މި ހަރަކާތުގެ ތެރެއިން އެރަށުގެ ގޮނޑުދޮށް ސާފުކޮށް، 3،000 ކިލޯގެ ކުނި ބައިވެރިން ނެގި ކަމަށާއި އޭގެތެރޭގައި ޕްލާސްޓިކް ފުޅިއާއި އެކި ބާވަތުގެ ޕްލާސްޓިކު ހިމެނޭ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
އޭގެއިތުރުން، މި ހަރަކާތުގެ ތެރެއިން ނަގާފައިވާ ޕްލާސްޓިކު ފުޅި ރިސައިކަލް ކުރުމަށް ނިންމާފައި ވާކަން އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ.
ނައިފަރުގައި އެމްއައިބީގެ ޚިދުމަތް ފެށީ ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިގޮތުން، އެމްއައިބީގެ ސާވިސް ސެންޓަރެއްގެ ޚިދުމަތް 24 ގަޑިއިރު ދޭކަން އެބޭންކުން ފާހަގަކުރިއެވެ.
އެމްއައިބީއަކީ ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ބޭންކިން ހިދުމަތެއް ދެމުން އަންނަ ބޭންކަކަށްވާއިރު، އެބޭންކަކީ ރާއްޖޭގެ ފުރަތަމަ ފުލް ފްލެޖް އިސްލާމިކް ބޭންކެވެ.