ރާއްޖެއަށް މިހާރު ދިމާވެފައިވާ ދުންފުހުގެ މައްސަލައިގައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށާއި، ދިގު މުއްދަތުގެ ހައްލެއް ހޯދަން ބޭރު ގައުމުތަކާއެކު މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖެއަށް އަންނަނީ ދުންފުހުގެ އަސަރު ކުރަމުންނެވެ. އަދި، މުޅިން އެ ކަން ރަނގަޅުނުވާއިރު، މިއަދު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރަމުން އަންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން ވަނީ، ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ދުންފުހުގެ މައްސަލައަކީ އާންމު ސިއްހަތާއި ތިމާވެއްޓާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރުތައް ކުރުވާ ކަމެއް ކަމަށް ވުމުން، އެއީ ސަރުކާރުން ގައުމީ ފެންވަރުގައި އިސްކަންދީގެން ބަލާ މައްސަލައެއް ކަމަށެވެ.
އެ ބަޔާނުގައި ވަނީ، މި ދުވަސްވަރު ދުންފުހުގެ މައްސަލަ ގޯސްވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި ބޭރު ގައުމުތަކުން އަންނަ، ތަޣައްޔަރުވެފައިވާ ވަޔަށް ދިގު މުއްދަތަކަށް ހުށަހެޅުމުން ރައްޔިތުންގެ ސިއްހަތަށް ގެއްލުންވުމުގެ އިތުރަށް، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުކުރާކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އެ ބަޔާނުގައި ވަނީ ދުންފުހުގެ މައްސަލައަކީ މުޅި ދެކުނު އޭޝިއާއަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކޮށް، މޫސުމާއި ވަޔަށް އަންނަ ބަދަލުތަކާއެކު، އެކި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ މާއްދާތައް އެއް ގައުމުން އަނެއް ގައުމަށް ފޯރާ ކަމަށް ބުނެފައެވެ.

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި: މިއީ މި ދުވަސްވަރު އާއްމު ކަމެއް-- ސަން ފޮޓޯ/ ފާތިމަތު ޝައުނާ
ސަރުކާރުން ބުނީ، ރާއްޖެ އުފެދިފައިވާ ގޮތުންނާއި އާބާދީގެ ބޮޑު ބައެއް ކުޑަ ސަރަހައްދަކަށް ޖަމާވެފައި އޮތުމުން، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.
އެހެންވެ، ފޮރިން މިނިސްޓްރީން އަންނަނީ، އެއް ގައުމުން އަނެއް ގައުމަށް ފޯރާ ތަޣައްޔަރުވެފައިވާ ވައިގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި ބައިނަލްއަގުވާމީ ފިޔަވަޅުތައް ވަރުގަދަ ކުރަން މަސައްކަތް ކުރަމުން ކަމަށް ބަޔާނުގައިވެއެވެ. އެގޮތުން، ކަމާ ގުޅޭ މަޝްވަރާތައް ކުރުމާއި، މައުލޫމާތު ހިއްސާކުރުމާއި ސައިންޓިފިކް މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބަޔާނުގައިވަނީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ ދުންފުހުގެ މައްސަލައިން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށާއި ދިގު މުއްދަތުގައި ވައިގެ ސާފުކަން ދެމެހެއްޓުމަށާއި، ތިމާވެށީގެ ވިލުންތެރިކަން ގާއިމުކުރުމަށް ސަރުކާރުން ސަރަހައްދީ ފެންވަރުގައިއާއި އެއަށްވުރެ ފުޅާކޮށް ވެސް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ، ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ތިމާވެށީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއަރުވަމުން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.