އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަންހެނުން ސާރާ ނަތަންޔާހޫގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ސްޓޭޓް އެޓާނީ އޮފީހުން އާދީއްތަ ދުވަހު އާންމުކުރި ސިޓީއެއްގައި ބުނެފިއެވެ.
ޖިނާއީ ކުށްތަކެއް ކަމަށް ޝައްކު ކުރެވޭ މައްސަލައެއްގެ ޖިނާއީ ތަހުގީގެއް ހުޅުވާލިކަމަށް އެ އޮފީހުން ބުނެފައިވަނީ ނަތަންޔާހޫއާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ ކޮރަޕްޝަންގެ ދައުވާތަކަށް ނުފޫޒު ފޯރުވައި ހުރަސްއެޅުމަށް ސާރާ މަސައްކަތްކުރާ ކަމަށް ބުނެ، އިސްރާއީލުގެ ނެސެޓުގައި ހިމެނޭ އިދިކޮޅު މެންބަރަކު ފޮނުވި ސިޓީއަކަށް ދިން ޖަވާބުގައެވެ.
ޖިނާއީ ތަހުގީގު ޑިސެމްބަރު މަހުގެ 26 ގައި ފަށާފައިވާކަން ޑިމޮކްރެޓުންގެ ނެސެޓް މެމްބަރު ނާމާ ލާޒިމީ ވަނީ ކަށަވަރުކޮށްދީފައެވެ. އަދި, މައްސަލަ ތަހުގީގު ކުރަން ފަށާފައި ވަނީ އިސްރާއީލުގެ ޗެނަލް 12 ގެ އުވްޑާ ޕްރޮގްރާމްގެ ހޯދުންތަކަށް ފަހު ކަމަށް ވެސް ލާޒީމީ ބުނެފައިވެއެވެ.
އެ ޕްރޮގްރާމްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ސާރާ ނަތަންޔާހޫ ވަނީ ނަތަންޔާހޫގެ ކޮރަޕްޝަންގެ ޝަރީއަތުގެ މުހިއްމު ހެކިވެރިއަކަށް ބިރުދައްކަން މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން, ބަންޑާރަނައިބާއި އޭނާގެ ނައިބު އަދި ފިރިމީހާއާ ދެކޮޅު ކަމަށް ބެލެވޭ އެހެނިހެން މީހުންނަށް އުނދަގޫކުރުމުގެ ގޮތުން މުޒާހަރާތަކެއް ވެސް ރާވައި ހިންގި ކަމަށް އޭގައި ބުނެއެވެ. ދައުލަތުގެ ވަކީލުގެ އޮފީހުން ބުނީ އެ ތަހުގީގަކީ އިސްރާއީލު ފުލުހުންނާއި ދައުލަތުގެ ވަކީލުގެ އޮފީހުގެ ސައިބާ ޑިޕާޓްމަންޓާ އެކު ކުރިއަށް ގެންދާ ތަހުގީގެއް ކަމަށެވެ.
ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާއިރު އޭނާއަކީ ބޮޑުވަޒީރުކަމުގައި ހުއްޓާ ދައުވާ ލިބޭ އިސްރާއީލުގެ ފުރަތަމަ ލީޑަރެވެ.
ނަތަންޔާހޫގެ ކޮރަޕްޝަންގެ ޝަރީއަތް އެންމެ ފުރަތަމަ ފެށުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ. ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށް ދައުވާއަށް އިންކާރުކޮށްފައެވެ.
ނަތަންޔާހޫގެ މައްޗަށް ވަނީ ވަކިވަކި ތިން މައްސަލައެއްގައި ދައުވާ އުފުލާފައެވެ. ކޭސް 1000 ގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ބޭރުގެ ވިޔަފާރިވެރިންގެ އަތުން ސިނގިރޭޓާއި ޝެމްޕޭން ފަދަ ހަދިޔާތައް ލިބުނު ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން މަކަރާއި ހީލަތް ހެދުމުގެ ދައުވާއެވެ.
ކޭސް 2000 ގައި ވެސް އޭނާގެ މައްޗަށް އުފުލާފައިވަނީ މަކަރާއި ހީލަތާއި އިތުބާރު ގެއްލުމުގެ ދައުވާއެވެ. އެ ދައުވާގައި ބުނެފައިވަނީ އިސްރާއީލުގެ މައިގަނޑު ނޫހެއްގެ ކަވަރޭޖް ހޯދައި ބަދަލުގައި އެ ނޫހުގެ ވާދަވެރި ނޫހެއް "ބަލިކަށި" ކުރަން މަސައްކަތްކުރައްވާފައިވާ ކަމަށެވެ.
އެންމެ ސީރިއަސް މައްސަލަ ކަމަށްވާ ކޭސް 4000 ގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެލެކޮމިއުނިކޭޝަން ކުންފުނި ބެޒެކްގެ ހިއްސާދާރު އަދި އޭނާގެ އެކުވެރިޔާ ޝޯލް އެލޮވިޗަށް 250 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ރެގިއުލޭޓަރީ ބެނެފިޓް ދިންކަމަށް ބުނެ، ރިޝްވަތާއި މަކަރާއި ހީލަތާއި އިތުބާރު ގެއްލުމުގެ ދައުވާއެވެ.