ޕެނަމާ ކެނަލްއަށް އޮތް ޗައިނާގެ ނުފޫޒު ނިމުމަކަށް ގެންނަން އެމެރިކާއިން ގޮވާލައިފި

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ (ކ) އާއި ޕެނަމާގެ ރައީސް ޖޯސޭ ރައުލް މުލީނޯ (ވ). ފޮޓޯ/ރޮއިޓާސް

ޕެނަމާ ކެނަލްއަށް ޗައިނާއިން ނުފޫޒު ފޯރުވާ ކަމަށް ބުނެ އެކަން ނިމުމަކަށް ގެނައުމަށް ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، އެމެރިކާއިން ޕެނެމާއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.

ރޫބިއޯ އެގޮތަށް ވިދާޅުވީ ޕެނާމާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޖޯސޭ ރައުލް މުލީނޯއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމަށްފަހު މުލީނޯ ވަނީ ޗައިނާ އާއި ޗައިނާގެ ވިޔަފާރިތައް ހިމެނޭ އެއްބަސްވުންތައް މުރާޖާ ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އަދި ހިޖުރަކުރުމުގެ މައްސަލައިގައި އެމެރިކާއަށް އިތުރު އެއްބާރުލުން ދެއްވާނެ ކަމަށް މުލީނޯ ވިދާޅުވިއެވެ.

ނަމަވެސް ޕެނެމާ ކެނަލް އަކީ އެ ގައުމުގެ ބާރުގެ ދަށުގައި އޮތް ތަނެއްކަމަށް މުލީނޯ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ނެރުއްވި ބަޔާނެއްގައި ވަނީ ހޮންކޮންގުގައި ހުންނަ ކުންފުންޏެއް މެދުވެރިކޮށް ކެނަލްގެ ކައިރީގައި ޗައިނާއިން ހަދަމުންދާ ދެ ބަނދަރަކީ ކެނަލް އަށް އޮތް ނުރައްކަލެއް ކަމަށާއި އެއީ އެމެރިކާއާއި ޕެނަމާއާއި ދެމެދު ވެފައިވާ އެއްބަސްވުމާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

ނަމަވެސް ޕެނަމާގެ ސަރުކާރާއި ބައެއް ތަޖުރިބާކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ބަނދަރުތަކަކީ ކެނަލް ހިންގުމުގެ ބައެއް ނޫން ކަމަށާއި ކެނަލް ހިންގަނީ ޕެނަމާ ސަރުކާރުން ބަލަހައްޓާ އޮޓޮނޮމިކް އެޖެންސީއެއް ކަމަށްވާ ޕެނަމާ ކެނަލް އޮތޯރިޓީން ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ވެރިކަމަށް ވަޑައިގަތުމާއެކު ޓްރަމްޕް ވަނީ 20ވަނަ ގަރުނުގެ ކުރީކޮޅު އެމެރިކާއިން ބިނާކޮށް 1999ވަނަ އަހަރު ޕެނަމާއާ ހަވާލުކުރި ޕެނަމާ ކެނަލްގެ ކޮންޓްރޯލް އެމެރިކާއިން ނަގާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"ޕެނަމާ ކެނަލް ހިންގަނީ ޗައިނާއިން. އެއީ ޗައިނާއަށް ދިން ތަނެއް ނޫން. އެއީ ޕެނަމާއަށް ދިން ތަނެއް. ނަމަވެސް އެމީހުން ވަނީ އެއްބަސްވުމާ ޚިލާފުވެފައި. އަޅުގަނޑުމެން އެތަން އަތުލާނަން." ޓްރަމްޕް ވިދާޅުވިއެވެ.

ޕެނަމާ ކެނަލް ހުރަސްކުރާ އެމެރިކާގެ އުޅަނދުފަހަރުން ބޭއިންސާފު ފީއެއް ދައްކަން ޖެހޭ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް